ދިވެހި ޕާސްޕޯޓް

ސާކުގެ އެއްވަނަ އަދި ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓް ރޭންކިންގެ 62 ވަނައަށް ދިވެހި ޕާސްޕޯޓް

މުހައްމަދު އައުޒަމް

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓް ރޭންކިންގެ 62 ވަނައިގައި ދިވެހި ޕާސްޕޯޓް ހިމެނިއްޖެއެވެ. މި ރޭންކު ރާއްޖެއިން ހޯދި އިރު ސާކު ސަރަހައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓަކީ ވެސް ދިވެހި ޕާސްޕޯޓެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސް އިން ޝާއިއުކޮށްފައިވާ ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓު ރޭންކުގެ 62 ވަނައިގައި ދިވެހިޕާސްޕޯޓު ހިމެނުނުއިރު އެއްވަނަ ހޯދައިފައިވަނީ ޖަޕާން އަދި ސިންގަޕޫރުގެ ޕާސްޕޯޓެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ ޕާސްޕޯޓް ރޭންކިން ބަލަނީ ބަލަނީ އެގައުމެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ދަތުރުކުރުމުގައި އޮންއެރައިވަލް ފްރީ ވިސާ ލިބޭ އެންމެ ގިނަ ގައުމުތައް ބެލުމަށްފަހުގައެވެ.

ދިވެހި ޕާސްޕޯޓް މެދުވެރިކޮށް 84 މަންޒިލަކަށް ފްރީ ވިސާގައި ދަތުރުކުރެވޭކަމަށް ހެންލީ ޕާސްޕޯޓް އިންޑެކްސް އިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރާއްޖެއާއި އެންމެ ކައިރި ގައުމުތަކަށް ބަލާއިރު އިންޑިއާ ހިމެނެނީ ރޭންކިންގގެ 86 ވަނައިގައެވެ. އިންޑިއާ ޕާސްޕޯޓުގައި ފްރީ ވިސާލިބެނީ 58 މަންޒިލަކަށެވެ. ރޭންކުގެ 99 ވަނައިގައި ލަންކާ ހިމެނޭއިރު އެގައުމުގެ ޕާސްޕޯޓުގައި ފްރީ ވިސާލިބޭ 42 މަންޒިލް ވެއެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސް ރޭންކިންގެ އެންމެ ފުލުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އަވައްޓެރި ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާން ހިމެނެއެވެ. ރޭންކުގައި ބަންގްލަދޭޝް ހިމެނެނީ 101 ވަނައިގައެވެ. ނޭޕާލް 102 ވަނައިގައި ހިމެނޭއިރު ޕާކިސްތާން ހިމެނެނީ 106 ވަނައިގައެވެ.