ނުރައްކާތެރި ހާލަތްތަކުގައި ހުރި އިމާރާތްތައް ދެނެގަތުމަށް ޕްލޭނިން މިނިސްޓްރީން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ޕްލޭނިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް މާލޭގައި އިމާރާތްތައް ބައުވުމުގެ ސަބަބުން އިމާރާތްތަކުން ބައެއް ނުވަތަ ބައިތަކެއް ވެއްޓި، ހިތާމަވެރި ހާދިސާތައް ދިމާވުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ހާދިސާތައް ހިނގުން މަދުކުރުމަށް ޕްލޭނިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެފަދަ ހާދިސާއެއް މެދުވެރިވާ ފަދަ ހާލަތެއްގައި އެއްވެސް އިމާރާތެއް ނުވަތަ ތަނެއް އަދި އެނޫންވެސް ނުރައްކާތެރި ހާލަތުގައިވާ އިމާރާތެއް ހުރިކަން އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެ ނަމަ، އެކަން ފާހަގަކުރެވޭ ފަރާތަކުން މިނިސްޓްރީއަށް އަންގަންވާނެ ކަމަށާއި ސިޓީ ކައުންސިލަށް މައްސަލަ ރިޕޯޓުކުރުމުގައި އެ ކައުންސިލުން ކަނޑައަޅާފައިވާ ގޮތަކަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ. ޕްލޭނިން މިނިސްޓްރީއަށް ރިޕޯޓުކުރާ ނަމަ، ސިޓީ، އީމެއިލް ([email protected] ) ނުވަތަ މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް، އެ އިމާރާތެއްގެ ނުވަތަ އެ ތަނެއްގެ ފޮޓޯއާއެކު ހުށަހެޅުމަށް އެ މިނިސްޓްރީން އެދެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ އިމާރާތަކީ ނުރައްކާތެރި އިމާރާތެއް ކަމަށް ނުވަތަ ނުރައްކާތެރި އިމާރާތަކަށް ވުން ގާތް އިމާރާތެއް ކަމަށް މިނިސްޓްރީއަށް ރިޕޯޓުކުރުމުން އިމާރާތަކީ ރައްކާތެރި ނޫން އިމާރާތެއްތޯ ނޫންތޯ މިނިސްޓްރީން ބެލުމަށްފަހު ކަނޑައަޅާނެ ކަމަށާއި އަދި އެތަނަކީ ރައްކާތެރި ނޫން ތަނެއް ކަމަށް މިނިސްޓްރީން ކަނޑައަޅައިފި ނަމަ، ރައްކާތެރި ނޫން ސަބަބުތައް ބަޔާންކޮށް އެކަންތައްތައް ރަނގަޅުކުރުމަށާއި އެތަން ބޭނުން ނުކުރުމަށް އިމާރާތުގެ ވެރި ފަރާތަށް މިނިސްޓްރީން އަންގާނެ ކަމަށެވެ.
"އަދި އެތަނަކީ ނުރައްކާތެރި ތަނެއްކަން އަންގައިދޭ ނޯޓިސްއެއް އެތަނުގައި ހަރުކުރެވިގެންދާނެއެވެ. ރައްކާތެރި ނޫން ކަމަށް ކަނޑައަޅާފައިވާ އިމާރާތެއް ހުސްކުރުމަށް މިނިސްޓްރީން އެންގުމަށް ފަހުގައި ވެސް، އިތުރަށް އެ އިމާރާތް ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެ ހާލަތެއްގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އިމާރާތުގެ ވެރިފަރާތް ނުވަތަ ވެރިފަރާތުން އިމާރާތް ބޭނުންކުރާ ފަރާތްތަކަށް އަންގާފައިވާ ނަމަ، އެ އިމާރާތެއް ބޭނުންކުރާ ފަރާތެވެ..،" ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އިމާރާތަކީ ރައްކާތެރި އިމާރާތެއް ނޫން ކަމަށް ކަނޑައަޅައި، އިމާރާތުގެ ސަލާމަތީ ކަންތައްތައް ރަނގަޅުކުރުމަށް އެންގުމުންވެސް، އިމާރާތުގެ ވެރިފަރާތުން ރަނގަޅު ކޮށްފައިނުވާ ނަމަ، އިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދުގެ 146 ވަނަ މާއްދާގެ ދަށުން އެ މަސައްކަތް ކުރުމަށް އިމާރާތަށް ވަނުމަށް ކޯޓު އަމުރެއް ހޯދުމަށްފަހު އެ މަސައްކަތް މިނިސްޓްރީ ނުވަތަ މާލޭ ސިޓީ ކައުންސިލަށް ކުރެވިދާނެ ކަމަށާއި އަދި އެ މަސައްކަތަށް ހަރަދުވި މިންވަރު ކަނޑައަޅާފައިވާ ގޮތަކަށް ކަނޑައަޅާފައިވާ މުއްދަތެއްގައި ވެރިފަރާތުން ދައްކަންޖެހޭނެ ކަމަށެވެ.
އެފަދަ ހާލަތްތަކުން ރައްކާތެރިވުމަށްޓަކައި އިމާރާތްތަކުގެ ވެރިފަރާތްތަކުން، އިމާރާތުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ނުހިނގާނެ ފަދަ ގޮތްގޮތަށް އިމާރާތުގެ ކަންތައްތައް ބެލެހެއްޓުމަށް ޕްލޭނިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.