މުހައްމަދު އައުޒަމް
"ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް"ގެ ފުރަތަމަ ދުވަސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދަރުބާރުގޭގައި މިއަދު ފެށި "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް"ގެ ފުރަތަމަ ދުވަސް ނިންމާލިއިރު ގިނަބަޔަކު ޒިޔާރާތްކޮށްފައިވެއެވެ. އެކްޕޯއަށް ޒިޔާރާތްކުރި ފަރާތްތަކުން އަދި އެގްޒިބިޓަރުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓްތަކެއް ލިބިފައިވާކަމަށް އެކްސްޕޯ ބާއްވާ ހައިރައިޒްއިން ވަނީ ބުނެފައެވެ.
"ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް"ގެ ފުރަތަމަ ދުވަސް ނިންމާލަމުން ވަނީ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލުމަށްފަހު ދުވަހުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އިނާމުތައް ލިބުނު ފަރާތްތައް ހޮވާފައެވެ. މީގެ އިތުރުން އެކި ސްޓޯލްތަކުން ވަކިން ބޭއްވި ލަކީޑްރޯތަކުން ވަނަވަނައަށް އައިފަރާތްތައް ވެސް ވަނީ ގުރުއަތުން ހޮވާފައެވެ.
ތިންދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" މިމަހުގެ 2 އިން 4 އަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00އިން ހަވީރު 6:00އަށް ދަރުބާރުގޭގައި ކުރިޔަށް ދާނެއެވެ. އަދި ރޭގަނޑުވެސް 8:00އިން 11:00 އަށް ކުރިޔަށްދާނެއެވެ.
"ވެކޭޝަންސް އެކްސްޕޯ" އަކީ ރާއްޖޭގެ ޓްރެެވެލް ޓުއަރިޒަމް އަދި ހޮސްޕިޓޭލިޓީ އިންޑަސްޓްރީ އަށް ހާއްސަކޮށްގެން ބޭއްވޭ އެންމެ ފުރަތަމަ އެގްޒިބިޝަން އެވެ. މި އެގްޒިބިޝަން މެދުވެރިކޮށް ގިނަ އޮފާތަކެއް ލިބިގެން ދާނެއެވެ. އެގޮތުން ރިޒޯޓް ގެސްޓްހައުސްތަކުގެ އަގުހެޔޮ ޕެކޭޖްތަކުގެ އިތުރުން އެއާލައިން ޓިކެޓްވެސް ހެޔޮއަގެއްގައި ލިބިގެންދާނެއެވެ. ހާއްސަގޮތެއްގައި ބޭރުގައުމުތަކުގެ ޓުއަރިޒަމް ބްރޭންޑް ތަކުންވެސް ބައިވެރިވާނެއެވެ. ވެކޭޝަންސް އެކްސްޕޯގައި މިއަހަރު ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ސިންގަޕޫރު، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ ޓުއަރިޒަމް ދާއިރާތަކުން ބައިވެރިވެފައިވެއެވެ.
"އެފްއެންޑްބީ ޝޯވް" އަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެފްއެންޑްބީ ސެގްމަންޓަށް ހާއްސަކޮށްގެން ގެނެސްދޭ އެގްޒިބިޝަން އެކެވެ. "އެފްއެންޑްބީ ޝޯވް"ގައި އެފްއެންޑްބީ ދާއިރާގެ ހޯލްސޭލްސް އަދި ރީޓެއިލްސްގެ އިތުރުން ސަޕްލައިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވޭ އެގްޒިބިޝަން އެކެވެ. މީގެ އިތުރުން އެކި ބާވަތްތައް ތައްޔާރުކުރައްވާ ފަރާތްތަކުން ވެސް "އެފްއެންޑްބީ ޝޯވް"ގައި ބައިވެރިވެފައިވެއެވެ.
"ވަން އޮންލައިން" އަކީ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް"ގެ އޮންލައިން މީޑިއާ ޕާރޓްނަރއެވެ.