ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ އެނބުރި މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ހާއްސަ ވަފުދުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންވެސް މިރޭ ވަނީ މާލެ ވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނަށް ސިންގަޕޫރު ސަރުކާރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އަދި އެގައުމުގެ ރައީސް ހަލީމާ ޔައުގޫބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ދެއްވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މި ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެގައުމުގެ ރައީސް ހަލީމާ ޔައުގޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގައާ ވަކިވަކީން ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައީސް ސޯލިހު ވަނީ ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ހާލަތު ބައްލަވައިލައްވައި އެބޭފުޅުންގެ ބޭނުންތައް އޮޅުންފިލުއްވާފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސިންގަޕޫރުގެ ޕުލާއޯ ސެމަކާއޯ ލޭންޑްފިލް ބައްލަވައިލައްވާފައެވެ.