ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކަށް ނަމްބަރު ދޫކުރާ އުސޫލު، އާންމުންނަށް ފަސޭހަވާނެ ގޮތަކަށް ބަދަލުކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަންތައް ހުށަހެޅުމަށާއި ނިމިފައިވާ ހިދުމަތް (ޑެލިވަރީ) ދޫކުރުމަށް މީގެ ކުރިން ވަކި އަދަދަކަށް ނަމްބަރު ދޫކުރަމުން ދިޔަ ނަމަވެސް، އޭގެ ބަދަލުގައި މިހާރު އެކަމަށް ވަކި ގަޑިއެއް ކަނޑައަޅާފައިވާ ކަމަށެވެ.
ވަކި އަދަދަކަށް ނަމްބަރު ދޫކުރުމުގެ ބަދަލުގައި މިހާރު ހިދުމަތްތަކަށް އެދޭ ފަރާތްތަކަށް ނަމްބަރު ދޫކުރުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 11:00 އަށެވެ. މާދަމާ އިން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ދިން ގޮތުގައި، އެ ބަދަލު ގެނެސްފައިވަނީ އޮތޯރިޓީގެ ހިދުމަތްތަކަށް އެދުމަށް ވަކި އަދަދަކަށް ނަމްބަރު ދޫކުރަމުންދާތީ، އެ ހިދުމަތްތަކަށް އެދޭ ފަރާތަކަށް ވަރަށް ބޮޑަށް ދަތިވެ، ޝަކުވާ ބޮޑުވުމުގެ ސަބަބުންނެވެ.