ދިވެހިރައްޔިތުންގެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރުކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިހާބުކޮށްފިއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕުގެ އިންތިހާބުގައި ޕީޖީ ލީޑަރަކަށް އަލީ އާޒިމް އިންތިހާބުވެވަޑައިގެންނެވި އިރު، ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް އިންތިހާބުވެވަޑައިގެންނެވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.
އެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ އަދަދަށް ކުރިމަތިލާފައިވުމުން އިންތިހާބުކުރީ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ޕީޖީ ލީޑަރަކަށް އަލީ އާޒިމް އިންތިހާބުވެވަޑައިގެންނެވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ. ޑެޕިއުޓީ ޕީޖީ ލީޑަރަކަށް އިލްޔާސް ލަބީބް 57 މެމްބަރުންގެ އިއްތިފާގުން އިންތިހާބުވެވަޑައިގެންނެވި އިރު، ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ދެން އިންތިހާބުވެވަޑައިގެންނެވި އަނދުން ހުސައިންއަށް ލިބިވަޑައިގެންނެވީ 54 ވޯޓެވެ. އަނދުން ހުސައިންއާ ދެކޮޅަށް ތިން މެމްބަރަކު ވޯޓު ދެއްވިއެވެ.
އަމީން އާންމުގެ މަގާމާއި އަމީން އާންމުގެ ނައިބުގެ މަގާމަށް ވެސް ކުރިމަތިލެއްވީ އެ މަގާމުތަކަށް ކަނޑައަޅާފައިވާ އަދަދަށެވެ. އަމީން އާންމުގެ މަގާމަށް ކުރިމަތިލެއްވި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި އަމީން އާންމުގެ ނައިބުގެ މަގާމަށް ކުރިމަތިލެއްވި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވެސް އިންތިހާބުވެވަޑައިގެންނެވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.