ޚަބަރު

ރަސްދޫގައި ބޭރުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީ އިން ނިންމާލައިފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން އއ. ރަސްދޫގައި ބޭރުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ފާއިތުވި 2018 ވަނަ އަހަރު މެއި 15ގައި އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ތިންމަސް ތެރޭ މިމަސައްކަތް ނިންމައި ސަރުކާރާ ހަވާލު ކުރާ ގޮތަށެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ރަސްދޫ ބޭރުތޮށީގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

މަސައްކަތް ހުއްޓި ދުވަސްތަކަކު އޮތުމަށްފަހު އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރ 30ގައެވެ. އަދި ރަސްދޫ ބޭރުތޮށީގެ މަސައްކަތް އެއްކޮށް ނިންމާފައިވަނީ މިއަހަރު 23 މެއިގައި ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.

ރަސްދޫގެ ބޭރުތޮށީގެ ގޮތުގައި މަސައްކަތް ހަވާލުކުރިއިރު އޮތް 35.4 މީޓަރުގެ ބޭރުތޮށްޓާއެކު ޖުމްލަ 120 މީޓަރަށް އެމްޓީސީސީއިން ވަނީ ބޭރުތޮށިލައިފައެވެ. މި މަސައްކަތުގައި ކުރިން ލާފައިވާ ބޭރުތޮށި އެމްޓީސީސީ އިން ވަނީ މަރާމާތުކޮށްފައެވެ. މި މަސައްކަތަކީ 11 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓެކެވެ.