މުހައްމަދު އައުޒަމް
ހަތަރުވަނަ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" ދަރުބާރުގޭގައި ފަށައިފިއެވެ.
"ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަުވެރިކޮށްދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތޮއްޔިބު މުހައްމަދު ވިދާޅުވީ "ވެކޭޝަންސް އެކްސްޕޯ" އަކީ ރާއްޖޭގައި އައުޓްބައުންޑް ޓުއަރިޒަމަށް ހާއްސަކޮށްގެން އަލަށް މިހާ ފުރިިހަމަކޮށް އިންތިޒާމުކޮށްގެން ބޭއްވޭ އެގްޒިބިޝަން ކަމަށެވެ. އަދި ހާއްސަކޮށް ބޮޑު އީދާ ދިމާކޮށް މިކަހަލަ އެގްޒިބިޝަންގެ ސަބަބުން ރާއްޖޭގެ ގެސްޓް ހައުސް އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. ތޮއްޔިބު އިތުރަށް ވިދާޅުވީ "އެފްއެންޑްބީ ޝޯވް" އަކީވެސް މި އިންޑަސްޓްރީގައި އުޅޭ ފަރާތްތަކަށް ވަރަށް މުހިންމު ޝޯވް އެއް ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" އިންތިޒާމުކުރާ ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝާމިން ވިދާޅުވީ މިފަހަރުގެ އެގްޒިބިޝަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދަރުބާރުގެ ލިބުން ދަތިވުން ކަމަށާއި ދެ އެކްސްޕޯ އެއްކޮށް ބާއްވަން ޖެހުނީ މިހެން ވުމުން ކަމަށެވެ. ޝާމިން ވަނީ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" ގެ ބައިވެރިންނާއި ޕާޓްނަރުންނާއި ސްޕޮންސަރުންނަށް އެބޭފުޅުންގެ އެއްބާރުލެއްވުމަށް ޝުކުރުދަންނަވާފައެވެ.
"ވެކޭޝަންސް އެކްސްޕޯ" އަކީ ރާއްޖޭގެ ޓްރެެވެލް ޓުއަރިޒަމް އަދި ހޮސްޕިޓޭލިޓީ އިންޑަސްޓްރީ އަށް ހާއްސަކޮށްގެން ބޭއްވޭ އެންމެ ފުރަތަމަ އެގްޒިބިޝަން އެވެ. މި އެގްޒިބިޝަން މެދުވެރިކޮށް ގިނަ އޮފާތަކެއް ލިބިގެން ދާނެއެވެ. އެގޮތުން ރިޒޯޓް ގެސްޓްހައުސްތަކުގެ އަގުހެޔޮ ޕެކޭޖްތަކުގެ އިތުރުން އެއާލައިން ޓިކެޓްވެސް ހެޔޮއަގެއްގައި ލިބިގެންދާނެއެވެ. ހާއްސަގޮތެއްގައި ބޭރުގައުމުތަކުގެ ޓުއަރިޒަމް ބްރޭންޑް ތަކުންވެސް ބައިވެރިވާނެއެވެ. ވެކޭޝަންސް އެކްސްޕޯގައި މިއަހަރު ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ސިންގަޕޫރު، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ ޓުއަރިޒަމް ދާއިރާތަކުން ބައިވެރިވާނެއެވެ.
"އެފްއެންޑްބީ ޝޯވް" އަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެފްއެންޑްބީ ސެގްމަންޓަށް ހާއްސަކޮށްގެން ގެނެސްދޭ އެގްޒިބިޝަން އެކެވެ. "އެފްއެންޑްބީ ޝޯވް"ގައި އެފްއެންޑްބީ ދާއިރާގެ ހޯލްސޭލްސް އަދި ރީޓެއިލްސްގެ އިތުރުން ސަޕްލައިކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ބޭއްވޭ އެގްޒިބިޝަން އެކެވެ. މީގެ އިތުރުން އެކި ބާވަތްތައް ތައްޔާރުކުރައްވާ ފަރާތްތަކުން ވެސް "އެފްއެންޑްބީ ޝޯވް"ގައި ބައިވެރިވެފައިވެއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ހުށަހެޅިފައި ވެއެވެ. އެގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް އުމްރާ ދަތުރު ލިބޭކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެއާލައިން ޓިކެޓާއި ރިޒޯޓް ދަތުރުތަކާއި ގެސްޓް ހައުސްތަކުގެ ސްޓޭ އަދި އެހެނިހެން ތަފާތު އަގުހުރި އިނާމުތައް ލިބިގެންދާނެއެވެ.
ތިންދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" މިމަހުގެ 2 އިން 4 އަށް މެންދުރުފަހު 2:00އިން ހަވީރު 6:00އަށެވެ. އަދި ރޭގަނޑު 8:00އިން 11:00 އަށް ދަރުބާރުގޭގައި ކުރިޔަށްދާނެއެވެ.
"ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" އިންތިޒާމް ކުރަނީ ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމެންޓް ކުންފުނި، ހައިރައިޒް މޯލްޑިވްސް އެވެ.
"ވަން އޮންލައިން" އަކީ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް"ގެ އޮންލައިން މީޑިއާ ޕާރޓްނަރއެވެ.