ޝަހީދާ އަބްދުﷲ ސައީދު
މާލޭގައި އެއްގަމު އުޅަނދު ޕާކު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައި ނުދީ، ފިޔަވަޅު އަޅަމުންދާތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ނޯޓިސް ފޮނުވައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުކުރައްވައި، ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުކުރައްވަނީ، ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާއިރު މަގުތަކުގައި އެއްގަމު އުޅަނދުތައް ޕާކުކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދެއްވުމަކީ ދައުލަތުން ރައްޔިތުންނަށް ވެފައިވާ ވައުދެއްކަމުން އެދަތިތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކީ ކޮބައިތޯ ސުވާލުކުރުމަށެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރަކާ ސުވާލުކުރާ ނަމަ، އެ ބޭފުޅަކަށް މަޖިލީހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެއެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާއްމު ކުރި ހުސްވި ހަފުތާގެ ޓްރެފިކާބެހޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ 18 ވަނަދުވަހުން ފެށިގެން އެމަހުގެ 24 ގެ ނިޔަލަށް ބަލާނަމަ 702 ސްޓިކާ ވަނީ ޖަހައިފައެވެ.
ފުލުހުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދު ފަހަރުގައި ފުރަތަމަ ޖަހާ އިސްޓިކާއަަށް ޖޫރިމަނާގެ ގޮތުގައި، 250 ފުރިޔާ ދައްކަންޖެހޭ ކަމަށާއި، ދެވަނައަށް ޖަހާ އިސްޓިކާއަށް 500 ފުރިޔާ ދައްކަން ޖެހޭ ކަމަށެވެ. އަދި އޭގެފަހުން ޖަހާ ކޮންގެ އިސްޓިކާއަކަށް ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ އިތުރުވަމުންދާނެ ކަމަށް ބުނެފައިވެއެވެ.