ފ. މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅައިލި މައްސަލައިގައި ހައްޔަރުކުރި ގިނަ މީހުން ނިސްބަތްވަނީ މާލެއަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، އެމީހުން ހައްޔަރުކުރި އިރު ދަތުރުކުރަމުންދިޔަ ޑިންގީއަކީ ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ޑިންގީއެއްކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.
މަގޫދޫ ކައުންސިލް އިދާރާގައި ހުރި ތިޖޫރި ވަގަށް ނަގާފައިވަނީ އިއްޔެރޭ މެންދަމުގެ ވަގުތެއްގައެވެ.
ސެކިއުރިޓީ ގާޑު ބަނދެ، ތިޖޫރީ ފަޅައިލައި ވައްކަން ކުރި މައްސަލައިގައި ކަނޑުމަތިން ނުވަ މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.
ފުލުހުންގެ މީޑިއާ އިން މިއަދު ބުނީ މި ނުވަ މީހުން ހައްޔަރުކޮށްފައި ވަނީ މަގޫދޫ ކައިރިން ޑިންގީ އަކާއި ދޯންޏެއްގައި ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތީން ކަމަށެވެ. މި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ ދެ މީހުންނާއި 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
މި ނުވަ މީހުންގެ ބަންދަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.