ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ފ. އަތޮޅު ޗެމްޕިއަންކަން ދަރަނބޫދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ފައިނަލްތައް މިހާރު ކުރިއަށްދާ އިރު، މިރޭ ކުޅުނު ފ. އަތޮޅު ފައިނަލުގައި ދަރަނބޫދޫން މަގޫދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ދަރަނބޫދޫން ފުރަތަމަ ފަހަރަށް އެ އަތޮޅުގެ ތަށި ހޯދައި، ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވެއެވެ.
މިރޭ މެޗުގެ ފަސްވަނަ މިނެޓުގައި ދަރަނބޫދުއަށް ލީޑު ނަގައިދިނީ، ފ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި، ކެޕްޓަން މުޒްދާން ހަސަނެވެ.
އޭގެފަހުން ހާފު ނިމެން ދަނިކޮށް، ޖަޒްލާން މާހިރު ޖެހި ގޯލުން މަގޫދޫ ނަތީޖާ އެއްވަރުކުރި އިރު، ދަރަނބޫދޫން މެޗުން މޮޅުވި ގޯލު ޖެހީ މެޗުގެ ފަހު މިނެޓު ކޮޅުގައެވެ. އެޓީމުގެ ގޯލު ޖަހައިދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ސާޖިދު އަހުމަދު އިބްރާހީމެވެ.
ފ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް ދެ ކުޅުންތެރިން ހޮވިފައިވެއެވެ. އެއީ ބިލެއްދޫގެ މުހައްމަދު ޒީދާން ޒުހުރީއާއި ދަރަނބޫދޫގެ މުޒްދާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.
މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.