ސެޕްޓެމްބަރު މަހު އެމެރިކާގައި ބާއްވާ "ކްލައިމެޓް އެކްޝަން ސަމިޓް" އަށް ތައްޔާރުވުމަށްޓަކައި އަބޫދާބީގައި ބޭއްވި ތިމާވެއްޓާއި ސިއްހަތާގުޅޭ ވަޒީރުންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މިއަހަރުގެ ސެފްޓެމްބަރު މަހުގައި އެމެރިކާގައި ބާއްވާ ކްލައިމެޓް އެކްޝަން ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ޔޫއޭއީގައި މިދިޔަ ޖޫން މަހުގެ 30 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ ބައްދަލުވުމުގައި ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ސިއްހަތަށް ކުރިމަތިވާ މައްސަލަތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ.
އަދި ސިއްހީ ދާއިރާއަކީ ތިމާވެށި ހިމާޔަތްކުރުމަށް ވަރަށްބޮޑު އެހީތެރިކަމެއް ދެވޭނެ ދާއިރާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ އެހީދޭ ފަރާތްތަކުން ސިއްހީ ދާއިރާއިން އިސް ނަގައިގެން ކުރިއަށްގެންދާ ތިމާވެއްޓާއި ރައްޓެހި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު ކަމަށެވެ. އެގޮތުން މިހާރު ސަރުުކާރުން ކުރިޔަށްގެންދިޔުމަށް ރާވާފައިވާ ގްރީން ހޮސްޕިޓަލް ފަދަ ޕްރޮޖެކްޓްތަަކަށް ތިމާވެއްޓާއިގުޅޭ ފަންޑުތަކުގެ އެހީ ލިބޭނެގޮތްތަކެއް ހޯދިގެން ދިޔުމަކީ ކްލައިމެޓް އެކްޝަން ސަމިޓުން ދިވެހިރާއްޖެ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއްކަން މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން މިނިސްޓަރު އަމީން ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ތިމާވެއްޓާއިގުޅޭ މައްސަލަތަކުގެ ސަބަބުން ސިއްހަތަށްކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދިމާވާ އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ގައުމުތަކުގެ ސިއްހަތާއިބެހޭ ވަޒީރުން ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ކްލައިމެޓް އެކްޝަން ސަމިޓުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި، ގުޅޭގޮތުންވެސް ސިއްހަތާ ބެހޭ ވަޒީރުން ވަނީ ވާހަކަދައްކަވައިފައެވެ.
އަބޫދާބީގައި ކުރިޔަށްދާ ކްލައިމެޓް އެކްޝަން ސަމިޓުގައި މިނިސްޓަރު އަމީން އާއި، މިނިސްޓަރު ޑރ. ހުސައިން ރަޝީދުގެ އިތުރުން އެ ދެމިނިސްޓްރީގެ ފަންނީ އިސް މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.