ފ. މަގޫދޫ

މަގޫދޫ ކައުންސިލްގެ ސެކިއުރިޓީ ގާޑު ބަނދެ ތިޖޫރީ ފަޅައިލި މައްސަލައިގައި ކަނޑުމަތީން ނުވަ މީހުން ހައްޔަރުކޮށްފި

ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑު ބަނދެ، ތިޖޫރީ ފަޅައިލައި ވައްކަން ކުރި މައްސަލައިގައި ކަނޑުމަތީން ނުވަ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އިން މިއަދު ބުނީ މި ނުވަ މީހުން ހައްޔަރުކޮށްފައި ވަނީ މަގޫދޫ ކައިރީން ޑިންގީ އަކާއި ދޯންޏެއްގައި ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތީން ކަމަށެވެ. މި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ ދެ މީހުންނާއި 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

މި ނުވަ މީހުންގެ ބަންދަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅައިލައިފައި ވަނީ އިއްޔެރޭ މެންދަމުގެ ވަގުތެއްގަ އެވެ.

އެގޮތުން މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި އެތާނގައި ހުރި ތިޖޫރީ ހަލާކުކޮށްލުމަށްފަހު ތިޖޫރީން ފައިސާ ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ކައުންސިލް އިދާރާއަށް ވަދެފައިވަނީ ކައުންސިލްގެ ދޮރު ހަލާކުކޮށްލައިގެންކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.