ނޮވެމްބަރު ތިނެއް، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ސްރީލަންކާގެ އިމިގްރޭޝަނަށް ދައްކަން ޖެހޭ 2.7 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ދައްކަން އެއްބަސްވެފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެކަންތައް ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
"ލުތުފީ ގަވާއިދާ ހިލާފަށް، ލަންކާގެ ވެސް ގާނޫނާ ހިލާފަށް ލަންކާގައި އެތައް ދުވަހެއް ހޭދަކުރީތީވެ، އަޅުގަނޑުމެންނަށް އެބަ އިވޭ މިހާރު ލަންކާގެ އިމިގްރޭޝަނަށް ލުތުފީ ވަރަށް ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭ ކަމަށް. މިހާރު އެ ޖޫރިމަނާ ދިވެހި ސަރުކާރުން ދައްކާ ގޮތަށް ދިވެހި ސަރުކާރުން އެއްބަސްވެއްޖެ ކަމުގެ ވާހަކަތަކެއް އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ. އެއީ 2.7 މިލިއަން ރުފިޔާގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އެހެންވީމާ އެކަހަލަ އަޑުތަކެއް އިވޭތީވެ، އަޅުގަނޑު މި ޕްރެސް ކޮންފަރެންސްގައި ދިވެހި ސަރުކާރުން އެކަންތައް ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުން ވާހަކަ އަޅުގަނޑު ދަންނަވަން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ދައުލަތުން އެ ފައިސާ ދައްކަންޏާ އެ ދައްކަން ޖެހޭނީ ދިވެހި ރައްޔިތުންގެ ޓެކްސް އިން ކަމަށާއި އެވަރު ބޮޑު މުޖުރިމަކު ކުށަކުން ބަރީއަވުމަށްޓަކައި، ނޫނީ އެ ކުށަކުން ސަލާމަތްވެގެން ރާއްޖެ ގެނައުމަށްޓަކައި މިހާ ބޮޑު އަދަދަކުން ފައިސާއެއް ދިވެހި ދައުލަތުން ދައްކަން ޖެހުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ އެތައް ދިވެހިންނެއް ޝަހީދު ކޮށްލި ހާދިސާގެ ފަހަތުގައި ހުރި، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 އާ ދެމެދު އޭނާ އުޅުނު ތަންތަން އެކި ފަހަރުމަތީން އެނގި، ފުލުހުންގެ އިސްވެރީންނާ ހިއްސާކޮށްފައިވީ ނަމަވެސް ލުތުފީ ރާއްޖެ ގެންނާން މަސައްކަތް ކޮށްފައި ނުވާތީ މިހާރު ފުލުހުން ވަނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފައެވެ.
ފުލުހުން އަންނަނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަންކާގެ ސަރުކާރުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަމާން ދިނުމަށްޓަކައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލުތުފީ ދިޔައީ މިމަހުގެ އެއްވަނަ ދުވަހު ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާ އަމާން ދިނުމަށް އެމްބަސީއަށް ދިޔައީ ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.