އެންވަޔަރަނަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ

މަޑިއަކަށް ގޯނާކޮށް ނިގޫ ބުރިކޮށްލި މައްސަލައެއް ތަހުގީގު ކުރަން އީޕީއޭ އިން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ކަނޑުގެ ދިރުންތަކުގެ ތެރެއިން ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މަޑިއަކަށް ގޯނާކޮށް، ނިގޫ ބުރިކޮށްލި މައްސަލައެއް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަހުގީގު ކުރަން ނިންމައިފި އެވެ.

އީޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އައްޑޫ ސިޓީގައި މަޑިއެއް ހިފައި، އެއަށް އަނިޔާކުރި މައްސަލައެއް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގާތްގަނޑަކަށް ދެ ފޫޓު ހުންނަވަރުގެ އެމަޑި ބާނާފައިވަނީ ބަނދަރު މަތީގައި މަސްވެރިކަން ކުރަން އުޅުނު ބައެކެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މަޑި ބޭނުމުން އެއްގަމު ތޮށިގަނޑުމަތީ ބޭއްވުމަށްފަހު ދެމީހަކު ވެގެން އޭތީގެ ނަގޫ ބުރިކޮށްލައެވެ. އަދި ބުޅިގަނޑު އަޅުވައިގެން މަޑި މޫދަށް އެއްލައިލަން އެކަކު މަސައްކަތް ކުރެއެވެ. މޫދަށް އެއްލައިލަން އުޅުމުގެ ތެރޭގައި ބުޅިގަނޑު އެޅުވުމުން މަޑިއަށް ވަނީ އިތުރު އަނިޔާތަކެއް ވެސް ވެފައެވެ.

އެވަގުތު ކައރީގައި މީހުން ތިބެގެން ވާހަކަ ދައްކާއިރު އެކަކު ބުނެފައިވަނީ މޫދަށް އެއްލައިލާއިރު ނަގޫ ބުރިކޮށްފައި އެއްލައިލުމަށެވެ. އަދި މަޑި މޫދަށް ވައްޓައިލުމުން ތެޅިވެސް ނުލައި މަޑުމަޑުން އަޑިއަށްދާ މަންޒަރު ފެނެއެވެ.

އެމަންޒަރު ބަލަން ހުރި މީހަކު ބުނަނީ މަޑި މަރުވީ ކަމަށެވެ. ދެން ހުރި މީހާ ބުނަނީ މަރުނުވާ ކަމަށާއި އަޑިއަށް ދިއުމުން ދުއްވައިގަންނާނެ ކަމަށެވެ. ނަމަވެސް މަޑި މޫދަށް އެއްލައިލި އިރުވެސް ދިރުމެއް ހުރި ކަމަކަށް ނުބެލެވެއެވެ.

ކަނޑުގެ ދިރުންތަކުގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތައް، އީޕީއޭ އިން ވަނީ 2014 ވަނަ އަހަރު ހުރިހާ ވައްތަރެއްގެ މަޑި ހިމާޔާތް ކުރުމަށް ނިންމާފައެވެ.