ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ.
ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވިކަން ކަށަވަރުވި ނަމަވެސް، އެމަނިކުފާނު ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.
ރާޖަޕަކްސަ މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ މައުލޫމާތު، އެމަނިކުފާނު އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ރާޖަޕަކްސަގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ.
ރާޖަޕަކްސަ އެންމެ ފަހުން ރާއްޖެ ވަޑައިގަންނަވާފައިވަނީ ލަންކާގެ ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް، 2014 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އޭރު ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ދައުވަތަކަށެވެ.
ރާޖަޕަކްސަގެ އެ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިނުގެންނެވި ނަމަވެސް، ދާދި ފަހުން ދެ ފަހަރެއްގެ މަތިން ރާޖަޕަކްސަގެ ދޮށީ ދަރިކަލުން އަދި ލަންކާގެ ހަމްބަންޓޯޓާ ޑިސްޓްރިކްޓްގެ ޕާލަމަންޓް މެމްބަރު ނަމާލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންނެވިއެވެ. އޭގެ ތެރެއިން ނަމާލްގެ އެއް ދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެވެ. އަދި މިދިޔަ މަހު ނަމާލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާ ބައްދަލުކުރެއްވިއެވެ.