ޖުޑީޝަލް ސާވިސް ކޮމިޝަން

ފަސް ގާޒީއެއްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ފަސް ގާޒީއެއްގެ މައްސަލަ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީނު ވިދާޅުވީ، ފަސް ގާޒީންގެ ތެރޭގައި ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފާ ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއެއް ބަލަން ނިންމައި އެމައްސަލަ ބެލުމަށް ކޮމިޝަނުގެ ތިން މެމްބަރުންގެ ކޮމިޓީއެއް މިއަދު ނަގާފައިވާ ކަމަށެވެ.

އާދަމް އާރިފު ޑްރަގް ކޯޓަށް ދިއުމުގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށެވެ.

މީގެއިތުރުން ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަދުނާން ހުސައިނާއި، ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އައިނާން އަލީ އާއި ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހުސައިން ރަޝީދާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާއެއް ބަލަން ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޒަހީނު ވިދާޅުވިއެވެ.

އަދި މިއަދުގެ ބައްދަލުވުމުގައި ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ނަޝީދާ ގުޅޭގޮތުން ހުށަހެޅި ޝަކުވާއެއް ބެލުމަށްފަހު އޭނާއަށް ނަސޭހަތް ދިނުމުގެ ފިޔަވަޅު އަޅަންވެސް ވަނީ ނިންމައިފައެވެ.