ޚަބަރު

"މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ، ފަސް މީހުން ބައިވެރިވިޔަސް މުޒާހަރާ ކުރިއަށްދާނެ"

2

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއެކު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މުޒާހަރާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ފަސް މީހުން ބައިވެރިވިޔަސް، އެ މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ.

"ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ މި ރެލީގައި. ފަސް މީހުންވިޔަސް އަޅުގަނޑުމެން މިކަން ކުރާނަން،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީއަކީ އަތޮޅު ތެރެއިން ޖަލްސާތަކަށް މީހުން ގެންނަ ބައެއް ނޫން ކަމަށާއި އެ މުޒާހަރާއަކީ ރައީސް ޔާމީންގެ ސަރުކާރުން ހަމަޖެހުނު ފުލެޓުތައް މި ސަރުކާރުން ހިފެހެއްޓުމުގެ މައްސަލައާއި ނޮވެމްބަރު ތިނެއް، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، އަނބުރާ ރާއްޖެ ގެނައުން އަވަސްކޮށްދިނުމަށް ގޮވާލުމަށް ކުރާ މުޒާހަރާއެއް ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ތެރެއިން މިކަމުގައި އިހުތިޖާޖުކޮށް، ފުލެޓު ފޭރިގަތުމާ ދެކޮޅަށް، ބާޣީ ލުތުފީ ގެނައުމާ އެއްކޮޅަށް ވާހަކަދައްކައި، މިހުރިހާ ކަމަކަށް ތާއީދުކުރައްވާ ރައްޔިތުން އެއްވާންވީ. އަޅުގަނޑުމެން މި ދެ ޕާޓީން، ފަސް މީހުން އެތަނަށް އަޔަސް އަޅުގަނޑުމެން އަޑުއުފުލާނަން. އެގޮތަށް މިކަން ދާނީ،" އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެ ދެ ޕާޓީން އިންތިޒާމުކުރާ ޖަލްސާއެއް ބޭއްވުމުގެ ހުއްދައަކަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވީ ނަމަވެސް، އަދި އެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބިފައި ނުވާ ކަމަށާއި ޖަލްސާ ބޭއްވުމުގެ ހުއްދަ ނުލިބުނު ކަމުގައިވިޔަސް، އެ ދުވަހު މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟