ޖުޑީޝަލް ސާވިސް ކޮމިޝަން

އިންނަމާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ނަޝީދަށް ފިޔަވަޅު އަޅަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ރ. އިންނަމާދޫ ކޯޓޫގެ އިސް މެޖިސްޓްރޭޓު އަލީ ނަޝީދަށް ނަސޭހަތް ދިނުމުގެ ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީނު ވިދާޅުވީ، މެޖިސްޓްރޭޓް އަލީ ނަޝީދާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެން އެމައްސަލަ ބެލުމަށްފަހު، އޭނާއަށް ނަސޭހަތް ދިނުމުގެ ފިޔަވަޅު އަޅަން މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ޒަހީނު ވިދާޅުވީ ފަނޑިޔާރަކާ ގުޅޭގޮތުން ޝަކުވާއެއް ހުށަހަޅައިފިނަމަ އެކަން ބެލުން ގާނޫނުން ކޮމިޝަނަށް ލާޒިމުކުރާ ކަމަށެވެ. އެހެންކަމުން ނަޝީދުގެ މައްސަލަވެސް ތަހުގީގު ކުރުމަށްފަހު މިހާރު އެމައްސަލަ ކޮމިޝަނަށް ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

މެޖިސްޓްރޭޓު އަލީ ނަޝީދާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅައިފައިވަނީ ކޯޓް ތެރޭގައި ޚަރުދު ކުރުމަށް ހުރި އިޖުރާއަތްތަކާ ޚިލާފުވި ކަމަށް ތުހުމަތުކުރެވިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ޒަހީން ވިދާޅުވިއެވެ.

ނަމަވެސް ނަޝީދާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ބެލުމަށްފަހު ފިޔަވަޅު އެޅުމުގެ ކުރިން ގާނޫނުގައި ބުނާ 30 ދުވަހުގެ މުހުލަތު ދޭންޖެހޭތީ، އެ މުއްދަތުވެސް މިހާރު ދީފައިވާ ކަމަށް ޒަހީނު ވިދާޅުވިއެވެ.