ޖުޑީޝަލް ސާވިސް ކޮމިޝަން

މެޖިސްޓްރޭޓް ރާޣިބު ސަސްޕެންޑުކޮށް، އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅަނީ

މާލެ އަތޮޅު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު ސަސްޕެންޑްކޮށް، އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީނު ވިދާޅުވީ، ރާޣިބުގެ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނައިރު އޭނާ ވަޒީފާއަށް ނުކުތުމުން ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީ އޭނާ ސަސްޕެންޑް ކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

ޒަހީން ވިދާޅުވީ، އެ މައްސަލަައިގެ ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގައި ޖިނާއީ ބައިތަކެއް ވެސް ހިމެނޭތީ، ކޮމިޝަނަށް ޖިނާއީ ތަހުގީގު ކުރުމުގެ ގާނޫނީ ބާރު ނެތުމުން އެކަންކަން އިތުރަށް ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރާޣިބުގެ ސުލޫކީ މައްސަލައިގައި އޭނާގެ ބަޔާން ނަގާފައިވާ ކަމަށާއި ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ބަޔާންވެސް މިހާރު ނަގާފައިވާ ކަމަށް ޒަހީނު ވިދާޅުވިއެވެ.

އަދި ގާޒީންނާއި މެޖިސްޓްރޭޓުންގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލަތަކެއް ކޮމިޝަނުން ބަލަމުންދާއިރު، އޭގެ ތެރޭގައި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރައާ ގުޅޭ ވަރަށް ގިނަ ކަންތައްތައް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަތައް ހުށަހަޅަމުންދާ އިރު އެމައްސަލަތަކުގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ގިނަކަން ފާހަގަކުރެވިގެން، އެފަދަ މައްސަލަތައް އަންނަނީ ކޮން ގޮތަކުންތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރަން މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.