މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

"ބައެއް މުދާ އެތެރެކުރުން މަނާކުރުމަކީ ފައިދާ ހޯދައިދިނުމަށް ހިންގޭ ނިޒާމީ ކޮރަޕްޝަންގެ ޗެއިނަށް އިތުރުވި ބޮޅެއް"

ޝަހީދާ އަބްދުﷲ ސައީދު

އިމާރާތްކުރުމަށް ބޭނުންކުރާ ބައެއް ބާވަތްތައް ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެކުރަން ނިންމުމަކީ ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމަށް ހިންގޭ ނިޒާމީ ކޮރަޕްޝަންގެ ޗެއިނަށް އިތުރުވި ބޮޅެއް ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ބުނެފިއެވެ.

އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރުމުގެ އެ ގަވައިދު ތަންފީޒު ކުރުމަށް މިދިޔަ މަހުގެ 28 ޕްލޭނިން މިނިސްޓްރީން ނިންމުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިކަމަކީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް މަގުފަހިކުރުމަށް ގަވާއިދުތަކާއި އުސޫލުތައް ބަދަލުކޮށްގެން ހިންގޭ ނިޒާމީ ކޮރަޕްޝަންގެ ޗެއިނަށް އިތުރުވި ބޮޅެއް ކަމަށެވެ.

ޔޫނިއަނުން ބުނިގޮތުގައި ރާއްޖެ އެތެކުރުން މަނާކޮށްފައިވާ ބާވަތުގެ މެޓީރިއަލް، ޕްލޭނިން މިނިސްޓްރީގެ ހުއްދަ ނެތި އެތެރެކުރުމާއި އުފެއްދުން މަނާކުރީ އެތަކެއްޗަކީ އެންމެ ރަނގަޅު ފެންވަރުގެ ތަކެތި ކަމަށް ހެދުމުގެ ބޭނުމުގައި ކަމަށް ބުނި ނަމަވެސް، މިތަކެތި އެތެރެކުރުމުގެ ހުއްދަ ލިބޭނީ ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހަމަޖެއްސުމަކީ ދެއުޅިއެއްވާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގްތިސޯދަކީ އެތެރެކުރުން ހަނިކޮށްފައިވާ ބާވާތްތައް އުފައްދާ ގައުމަކަށް ނުވާއިރު، އެތަކެތި އުފައްދާ އެކްސްޕޯޓް ކުރާ ގައުމުތަކަކީ އެތަކެތި އުފެއްދުން ފަންތިކޮށް އަދި ގިންތިކޮށް ފެންވަރު ހިފަހައްޓާނެ ނިޒާމުތައް ގާއިމުކުރެވިފައިވާ ގައުމުތަކަށްވާތީ ކަމަށްވެސް ބަޔާނުގަައިވެ އެވެ.

އަދި މިބާވަތްތަކުގެ ރޯ މެޓީރިއަލް އުފައްދާ ކުންފުނިތަކަކީވެސް އެކުންފުނިތަކުގެ އެތެރޭގައި ސްޓޭންޑަޑައިޒްކުރުން ތަންފީޒުކުރާ ކުންފުނިތަކެއް ކަމަށެވެ. އަދި އެތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް ތަފާތު ފެންވަރުގެ ތަކެތި އެމީހުންގެ ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުސަތު ސަރުކާރުން ހަނިކުރެވޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ޕްލޭނިން މިނިސްޓްރީގެ މިއަމަލަކީ މިނިވަން އިގްތިސޯދެއްގައި ހުރިހާ ވިޔަފާރިތަކަށްވެސް ހަރަކާތްތެރިވެވޭ ގޮތަށް އޮތް މިނިވަން ފުރުސަތު ހަނިކޮށް ސަރުކާރުން ސިނާއަތަށް ސީދާކޮށް ވަދެ އަތްބާނާ ހެދުމަށް މަގުފަހިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި މިއީ މިނިވަން އިގްތިސޯދުގެ ހަމަތައް ގެއްލުވައިލައި ޒަމާނުއްސުރެ ރާއްޖޭގައި ހިފަހައްޓަމުން އަންނަ "ކޮމާންޑް އިކޮނަމީ"ގެ ސިފަތައް އިގްތިސޯދުގައި އަށަގެންނެވުމަށް ކުރެވިފައިވާ މަސައްކަތެއް ކަމަށްވެސް ބުނެފައިވެއެވެ.

އަދި މުދާ އެތެރެކުރާ ފަރާތްތަކަށާއި، އުފެއްދުން އުފައްދާ ފަރާތްތަކަށް އިދާރީ ތަކުލީފު އިތުރުކޮށް، ބިއުރޮކުރެޓިކް އޮނިގަނޑު އޮޅުންބޮޅުންކޮށް، އެއްކަމެއްގައި އެތައް ހުއްދައެއް ސަރުކާރުގެ އެކި އިދާރާތަކުން ހޯދަންޖެހޭ ގޮތަށް ހެދުމަކީ ކަނާއަތު ފިޔައިގެ މިނިވަން އިގްތިސޯދުގެ ހަމަތައް ގާއިމުކުރުމަށް މަސައްކަތްކުރާ ސަރުކާރަކުން އަޅާނެ ފިޔަވަޅެއް ނޫންކަމަށްވެސް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ބަޔާނުގައި ވަނީ ވަކިވަކި ވުޒާރާތަކުން ނެރޭ ގަވައިދުތަކާއި އުސޫލުތަކަކީ، ގައުމު ތަރައްގީކޮށް އާރާސްތުކުރުމުގެ މަގުގައި، ސަރުކާރާ މެދު އޮތް، ރައްޔިތުންގެ އުއްމީދާއި އިތުބާރު ކިލަނބު ނުވާފަދަ ގޮތަކަށް އެޅޭ ފިޔަވަޅުތަކެއްކަން ކަށަވަރުކޮށްދިނުމަށްވެސް ގޮވައިލާފައެވެ.

އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގައިވައިދުގައި ހަ ބާވަތެއް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ސިމެންތި، ކޮންކްރީޓު ކުރުމަށް ބޭނުންކުރާ ހުރިހާ ގެރޭޑެއްގެ ހިލަ، ކޮންކްރީޓު ކުރުމަށް ބޭނުންކުރާ ހުރިހާ ގެރޭޑެއްގެ ވެލި، ސްޓްރަކްޗަރަލް ދަގަނޑު، ހުރިހާ ގްރޭޑެއްގެ ރެޑީމިކްސްޑް ކޮންކްރީޓް، އަދި އިމާރާތްކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ގައު، ހިމެނެއެވެ. މިތަކެތި މިހާރު އެތެރެކުރެވޭނީ އެކަމަށްޓަކައި ހާއްސަ ހުއްދައެއް ނަގައިގެންނެވެ.