ޚަބަރު

މާލެ ދަތުރުކުރަމުންދިޔަ ދޯންޏަކުން މޫދަށް ވެއްޓި ގެއްލުނު ޒުވާނަކު ހޯދަނީ

އއ. މުށިމަސްގަލީގައި ތަރައްގީކޮށްފައިވާ ސަފާރީ އައިލެންޑް ރިސޯޓުން މާލެ ދަތުރުކުރަމުންދިޔަ "މިންވަރު" ނަމަކަށް ކިޔާ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ފަށައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އިން ބުނެފައިވަނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ ގާތްގަނޑަކަށް 9:28 ހާއިރު ކަމަށާއި، މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު މީހާއާއެކު އެ ދޯނިން އިތުރު ތިން މީހަކު ދަތުރުކުރި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ މިއަދު އިރުއޮއްސި 6:30 ހާއިރު ކަނޑަށް ވެއްޓި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނަކަށް ހުރި ށ. ބިލެއްފަހި، ކްރެސްޓް، އުމުރުން 25 އަހަރުގެ ޢަލީ ފައުޒާން، ނަމަކަށް ކިޔާ ދިވެއްސެއް ކަމަށެވެ. ކަނޑަށް ވެއްޓުނުއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ހެދުމެއް ކަމަށާއި، އެމީހާގެ އިސްކޮޅުގައި ގާތްގަނޑަކަށް ފަސް ފޫޓް ހުންނާނެ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ މަޢުލޫމާތު ދީފައެވެ.

ފައުޒާން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި ސިފައިންގެ ޑައިވަރުންނާއެކު އެ ސަރަޙައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންދާ ކަމަށާއި، ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަށް އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް މަޢުލޫމާތު ދެއްވުމަށްވެސް ކޯސްޓްގާޑުން އެދިފައިވެއެވެ.