އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސަންޓް ސޮސައިޓީ (އައިއެފްއާރުސީ)ގެ ރައީސް ފްރެންސެސްކޯ ރޮކާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ދިމާވި އެކި ކަންކަމުގައި އައިއެފްއާރުސީގެ ފަރާތުން ލިބުނު އެހީތެރިކަމަށް ނައިބު ރައީސް ޝުކުރު ދެންނެވިއެވެ. އަދި ރާއްޖޭގައި މިހާރު ކުރިއަށްދާ އެކި ފަސްޓް އެއިޑް ޕްރޮޮގްރާމްތަކުގެ ވާހަކަ ހިއްސާ ކުރައްވަމުން ކުރިއަށް އޮތްތާގައި ކްލައިމެޓް އެކްޝަން، ދުވަސްވީ މީހުންނަށް އަޅާލުން އަދި ޒުވާނުން ބާރުވެރިކުރުވުމުގެ އެކި ކޮމިއުނިޓީ ޓްރެއިނިންގް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ނައިބު ރައީސް ފާޅުކުރެއްވި އެވެ.
ރާއްޖޭގެ ސަރުކާރުން ސިންގަލް ޔޫސް ޕްލާސްޓިކް މަދު ކުރުމަށް ކުރާ މަސައްކަތަށް މި ބައްދަލުވުމުގައި ރޮކާ ތައުރީފް ކުރައްވާފައިވެއެވެ. އަދި މިކަމުން މިހާރުގެ ސަރުކާރަކީ ތިމާވެއްޓާއި ރައްކާތެރި އަދި ގައުމު ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމުގެ ވިސްނުންހުރި، ރައްޔިތުންނަށް ތަފާތު ދައްކައިގެން ކުރިއަށްދާ ސަރުކާރެއްކަން ފެންނަ ކަމަށް ރޮކޯ ވިދާޅުވިއެވެ.