ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޓާ ރިޒާވް ކޮށްފައި ވަނީ އޭސީސީން އެންގި އުސޫލާ ހިލާފަށްކަން ހާމަވެއްޖެ

މިއަހަރު ހައްޖު ކޯޕަރޭޝަނަށް ދީފައިވާ 550 ކޯޓާގެ ތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީއަށް ހާއްސަ ކޮށްފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުން އެންގި އުސޫލާ ހިލާފަށްކަން ހާމަވެއްޖެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގައި އިސްލާމިކް މިނިސްޓްރީިން އަމަލު ކުރާގޮތާބެހޭ ކަންތަައްތައް އޭސީސީން ބެލުމަށްފަހު، އާއްމުކުރި ރިޕޯޓުގައި ބުނެފައިވަނީ، އަމަލުކުރާނެ އުސޫލެއް އާންމު ކުރުމެއްނެތި، ކޯޓާ ރިޒާވް ކުރުމަކީ، ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ. އަދި އެއީ ހައްޖަށްދާން ފައިސާ ދައްކާފައިވާ އެތައްބައެެއްގެ ހައްގެއް ގެއްލިގެން ދިއުން ކަމަށްވެސް އޭސީސީން ބުުނެފައިވެއެވެ.

އެހެންކަމުން އެކަން އިސްލާހު ކުރުމަށް ދައުލަތުގެ ބޭނުމަށް ރިޒާވްކުރާ ހައްޖު ކޯޓާއަށް ބޭނުންވާނެ މިންވަރެއް ދުރާލައި ކަނޑައެޅުމާއި، އެކޯޓާ އިން ފުރުސަތުދޭނެ ފަރާތްތަކާއި ގޮތް ކަނޑައެޅުމަށް ހަރުދަނާ އުސޫލެއް ކަނޑައަޅައި އާއްމުކުރުމަށް އޭސީސީން ވަނީ އަންގައިފައެވެ.

ނަމަވެސް އެފަދަ އުސޫލެއް މިނިސްޓްރީން އަދި އާއްމު ކޮށްފައެއް ނުވެއެވެ.

މިކަމާބެހޭ އިތުރު މައުލުމާތު ހޯދައިލުމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ އަށް ގުޅި ނަމަވެސް ފޯނު ނުނަންގަވާތީ އިތުރު ތަފްސީލު ލިބޭގޮތްވަނީ ނުވެފައެވެ.

ބައެއް މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ޝާފިއު ވިދާޅުވެފައިވަނީ، 80 ޖާގަ މިނިސްޓްރީން ރިޒާވްކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭނުމަށް ކަމަށެވެ. އަދި އެ ކުންފުނިތަކުން ހައްޖަށް ފޮނުވާ މީހުންނަށް ޖާގަ ހަމަަޖައްސައިދޭން ރަސްމީކޮށް އެދިފައި އޮތުމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އިއްޔެއާ ހަމައަށް 439 ފަރާތަކުން ހައްޖަށް ދިއުމުގެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީ އަރަބިއާ އިން ދިން 1000 ކޯޓާގެ ތެރެއިން 550 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް މީހުން ގެންދަނީ އެ ކޯޕަރޭޝަނުގައި ރެޖިސްޓްރީވެ، ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ޖުމްލަ އަގުގެ 75 ޕަސެންޓު ދައްކާފައިވާ ފަރާތްތަކުގެ ތަރުތީބުން ކަމަށެވެ.

އަދި ބާކީ އޮތް 470 ޖާގައިގެ ތެރެއިން 31 ޖާގަ ހައްޖު ކޯޕަރޭޝަނުގެ ފަންނީ ބޭފުޅުންނަށާއި އެހީތެރިންނަށް ހާއްސަ ކުރުމަށް ފަހު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް 439 ޖާގަ ހާއްސަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން މިހާތަނަށް 514 ފަރާތަކަށް ހައްޖަށް ދާން ފުރުސަތު ލިބުނުކަން އަންގާފައިވާ ކަމަށާއި އެކި ސަބަބުތަކަށްޓަކައި މި އަހަރު ހައްޖަށް ދެވެން ނެތްކަން 75 ފަރާތަކުން އަންގާފައިވާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށާއި އަމިއްލަ ފަސް ޖަމާއަތަކަށެވެ. އެއިން ކޮންމެ ޖަމާއަތަކަށް ދީފައި ވަނީ 90 ޖާގަ އެވެ.