ޚަބަރު

ނަޝީދަށް ސަލާމަތީ ބާރުތަކުން ސެކިއުރިޓީ ދިނުމަށް ވަނީ އެއްބަސްވެފައި: އިންތި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެވަޑައިގަންނަވާއިރު، ސަލާމަތީ ބާރުތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރ އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ އަންނަ ނޮވެންބަރ މަހުގެ އެއްވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާއިރު، އެމަނިކުފާނަށް ސެކިއުރިޓީ ދިނުމާ ބެެހޭގޮތުން ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެއާއި ހުޅެލެއާ ދެމެދު ކަނޑުގެ ސަރަހައްދުން ސިފައިން ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި މާލެ ވަައިގަތުމުން ސިފައިންނާއި ފުލުހުންގެ ފަރާތުން އެންމެ ފުރިހަމައަށް ސެކިއުރިޓީ ދިނުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

ނަޝީދު މާލެ ވަޑައިގަތުމުން ސެކިއުރިޓީ ދިނުމަށް ސަލާމަތީ ބާރުތަކާ މަޝްވަރާ ކުރެއްވި ކަމަށް އިންތި ވިދާޅުވި ނަމަވެސް އެކަމާބެހޭ ގޮތުން ސަލާމަތީ ބާރުތަކުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ''ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި. ސިފައިންނާއި ފުލުހުންގެ އެއްބާރުލުން ލިބޭނެ. އެކަމަށްވަނީ މަޝްވަރާކޮށްފައި.'' އިންތި ވިދާޅުވިއެވެ.

ނޮވެންބަރ އެކެއްގައި ނަޝީދު ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރައްވާ އިންތި ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.

އިންތި މިހެން ވިދާޅުވިއިރު، ނަޝީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެރޭ މެންދަމު ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށް ނިޒާމުން ގެއްލުވާލި މައްސަލައިގައި ނަޝީދުގެ މައްޗަށް، 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެ ހުކުމާއެކު ޖަލުގައި ދިހަ މަސްދުވަސް ހޭދަކުރެއްވުމަށްފަހު، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، 18 ޖެނުއަރީ 2016ގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައެވެ.