ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު، ސިންގަޕޫރުގެ ރައީސް އަދި ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބާއި ބޮޑުވަޒީރު ލީ ހިސެން ލޫންގް އާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ރައީސް އަދި ބޮޑުވަޒީރާއި ބައްދަލު ކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެ އެވެ.

ދިވެހިރާއްޖެ އާއި ސިންގަޕޫރަށް ދިމާވެފައިވަނީ އެއްކަހަލަ ގޮންޖެހުން ތަކެއްކަން ފާހަގަކުރައްވައި، ދެގައުމު އެކީ ގުޅިގެން މަސައްކަތް ކުރެވޭނެކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން ވިޔަފާރިއާއި، ސަލާމަތީ ކަންކަން އަދި ގައުމުގެ އަމާންކަން ދެމެހެއްޓުމުގެ އިތުރުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތްތަކާ މެދު މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވެއެވެ.

ސިންގަޕޫރުން ރާއްޖޭގެ ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި ދެ އަހަރު ދުވަހުގެ ޓެކްނިކަލް ކޯޕަރޭޝަން ޕެކޭޖެއް އެރުވުމާއި ގުޅިގެން އެކަމަށް ރައީސް ސޯލިހު ޝުކުރު ދެންނެވިއެވެ. އަދި ސިންގަޕޫރުން އަބަދުވެސް ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމަށް ވެސް ރައީސް ޝުކުރު ދެންނެވިއެވެ.

ސިންގަޕޫރުގެ ރައީސް އަދި ބޮޑު ވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ އަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ސޯލިހު ވަނީ އެދެބޭފުޅުންނަށް ދައުވަތު އަރުވައިފަ އެވެ.