ޚަބަރު

ލުތުފީ ރާއްޖެ ގެނައުން ލަސްވާތީ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ތިނެއް ނޮވެމްބަރު 1988 ގައި ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއްް ކަމަށްވާ ޕޮލޮޓް ޖަމާއަތުން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިރިއުޅޭތާ އެތައް ދުވަހެއްވީ އިރު ވެސް ރާއްޖެ ގެނައުން ލަސްވާތީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފްއެވެ.

މި މައްސަލައިގައި ބުނެފައިވަނީ، ލުތުފީ އަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ވެރިކަމަށް އެރުމަށް ގަސްތުކޮށް، ސިފައިންގެ މައި މަރުކަޒު ހިފުމަށް ނުރައްކާތެރި ހަތިޔާރާ އެކު ލަންކާގެ ޕްލޮޓް ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ އެކު ރާއްޖެ އަށް ހަމަލާދީ ދިވެހި ސިފައިންނާއި އާންމުންގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލުމުގައި ބައިވެރިވި އެންމެ އިސް މީހާކަމަށެވެ.

ސިފައިންނާއި އާންމުންގެ އެތައް ބައެއް ޒަހަމްކޮށްލައި ރަހީނުކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް އާންމުން ނުރައްކާތެރި ހާލަތަކަށް ވައްޓާލި ލުތުފީ ރާއްޖޭގެ ހައި ކޯޓުގެ ގަޒިއްޔާ އިން މެރުމަށް ހުކުމްކޮށްފައިވާ ކަން އެ މައްސަލައިގައިވެ އެވެ.

ހައި ކޯޓުން އޭރު ލުތުފީ މެރުމަށް ހުކުމް ކުރި ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.