ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިންގަޕޫރު ސަރުކާރުން ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް ސިންގަޕޫރު ސަރުކާރުން ވަރަށްހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރުހަބާ ދެންނެވުން އޮތީ ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގަނޑުވަރު އިސްތާނާގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވީ، ސިންގަޕޫރުގެ ރައީސާ ހަލީމާ ޔައުގޫބާއި ފިރިކަލުން މުހައްމަދު އަބުދުﷲ އަލްހަބްސީއެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސިންގަޕޫރުގެ ރައީސާ، ޑަޔަސްއަށް އަރާވަޑައިގަތުމުން، ދެގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި އޮތް ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ސިންގަޕޫރު ސަރުކާރުގެ ބައެއް ވަޒީރުންނާއި، ސިންގަޕޫރު ސަރުކާރުގެ އިއްޒަތްތެރީންނާއި، ސިންގަޕޫރުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ތައާރުފުކޮށް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ގެންދެވި ދިވެހި ވަފުދުގެ ބޭފުޅުން، ސިންގަޕޫރުގެ ރައީސާއަށް ތައާރުފުކޮށް އެރުވިއެވެ.

ރަސްމީ މަރުހަބާ ވިދާޅުވުމުގެ ހަރަކާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.