ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެންނާނީ ދެ ގައުމުގެ ގާނޫނީ އިމުގެ ތެރެއިން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ބޭސްފަރުވާއަށް ލަންކާއަށް ދިއުމަށްފަހު ފިލައިގެން އުޅޭ ލުތުފީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގޮސް އަމާން ދިން ނަމަވެސް، އޭނާ އަނބުރާ ރާއްޖެ ގެނައުން ލަސްވަމުންދާތީ ބައެއް މީހުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ލުތުފީ މާލެ ގެނެސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އޭނާ ހަވާލުކުރާނެ ކަމަށާއި އެކަން ކުރާނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮތް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ލަންކާގައި ހުއްޓައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ގޮތަށް ގާނޫނާ ހިލާފަށް ނޫން ކަމަށެވެ.
"ބަޔަކު މީހުން ނުކޮށް ދޫކޮށްލި ކަމެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާކަށް ނެތިން. ލުތުފީ މާލެ ގެނެސް ކަރެކްޝަންސްއާ ހަވާލުކުރާނީ މި ސަރުކާރުން. ޝުމްބާ ގޮންގް ގެނައި ގޮތަށް ގާނޫނާ ހިލާފަކަށް ނޫން، ދެ ގައުމުގެ ގާނޫނީ އިމުގެ ތެރެއިން އެކަން ނިންމާނީ،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މިމަހުގެ އެއްވަނަ ދުވަހު އަމާން ދިނުމަށް އެމްބަސީއަށް ލުތުފީ ގޮސް، އެތަނުގައި ދިރިއުޅެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިން ނަމަވެސް، ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސްކަން ކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އަމާން ދިނުމަށް އެމްބަސީއަށް ލުތުފީ ދިޔައީ މިއަހަރުގެ އޭޕްރީލް 21ގައި ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އެއް ދުވަސް ކުރިންނެވެ.
ތިނެއް ނޮވެމްބަރު 1988 ގައި ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ އެތައް ދިވެހިންނެއް ޝަހީދު ކޮށްލި ހާދިސާގެ ފަހަތުގައި ހުރި، ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 އާ ދެމެދު އޭނާ އުޅުނު ތަންތަން އެކި ފަހަރުމަތީން އެނގި، ފުލުހުންގެ އިސްވެރީންނާ ހިއްސާކޮށްފައިވީ ނަމަވެސް ލުތުފީ ރާއްޖެ ގެންނާން މަސައްކަތް ކޮށްފައި ނުވާތީ މިހާރު ފުލުހުން ވަނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފައެވެ.
ފުލުހުން އަންނަނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަންކާގެ ސަރުކާރުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.