ޚަބަރު

މަނަފަރުގައި ކުރާ ހައިހޫނުކަމުގެ ހަޅުތާލުގައި ހާލުދެރަވި ދެމީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

ހއ. މަނަފަރު ރިސޯޓުގައި ކުރަމުންދާ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލުގައި، ހާލު ދެރަވި ދެމުވައްޒަަފަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.

މަނަފަރު ރިސޯޓުން ''ވަން އޮންލައިން'' އަށް މައުލޫމާތު ދިން ދިވެހި މުވައްޒަފަކު ބުނީ، ރިސޯޓުގެ ދިވެހި މުވައްޒަފުން އިއްޔެއިން ފެށިގެން ބަނޑު ހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ އެއްވެސް ސަބަބެއް ނެތި މުވައްޒަފުން ވަކިކުރަން ލިޔުން ދެމުންދާތީ ކަމަށެވެ.

އެ މައްސަލައިގައި ހުރިހާ ދިވެހި މުވައްޒަފުން ކުރަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި ދެމީހެއްގެ ހާލު ދެރަވުމުން ރިސޯޓުގެ ކުލިނިކުން ފަރުވާ ދިނުމަށްފަހު މިރޭ ދޫކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ހަޅުތާލުކުރި ނަމަވެސް މުވައްޒަފުން މަސައްކަތަށް ނުކުންނަ ކަމަށާއި މުވައްޒަފުންގެ ފަރާތުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ރިސޯޓަށް ދެމުން އަންނަ ކަމަށެވެ.

މުވައްޒަފުންގެ އެއްވެސް ކުށެއްނެތި ވަޒީފާއިން ވަކިކުރަން ލިޔުން ހަވާލުކުރި މުވައްޒަަފުންގެ ތެރޭގައި މީގެ ކުރިން މެނޭޖުމަންޓުން ކަންކޮށްފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރި މުވައްޒަފުންނަށް ވެސް ލިޔުން ދީފައިވާ ކަމަށް އޭނާ ބުނެއެވެ.

އެގޮތުން މިހާތަނަށް 8 މުވައްޒަފަކަށް ލިޔުންދީފައިވާ ކަމަށާއި ލިޔުން ހަވާލުކުރުން މިހާރު މަޑުޖެހިފައި އޮތީ ހުރިހާ މުވައްޒަފުން ހަޅުތާލަށް ނުކުތުމުންނެވެ.

މަނަފަރު ރިސޯޓަށް މިއަހަރުގެ ދެވަނަ ތިން މަސްދުވަހު ލިބުނު ފައިދާ މިދިޔަ އަހަރަށްވުރެ ރަނގަޅުވުމުން މެނޭޖުމަންޓުން ހުރިހާ މުވައްޒަފުންނާ ބައްދަލުކޮށް، މިއީ މުވައްޒަަފުން ކުރި ބުރަ މަސައްކަތުން ލިބުނު ފައިދާއެއް ކަމަށްބުނެ، ލިބިފައިވާ ކުރިއެރުންތަކުގެ ތަފްސީލު ވެސް މިމަހުގެ ތެރޭގައި ހާމަކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ނަމަވެސް އޭގެ ފަހުން ޖެނެރަލް މެނޭޖަރު ޗުއްޓީއެއްގައި ހުންނެވުމަށްފަހު ނުކުންނަވައި އެއްވެސް ހަމައެއް ނެތި މުވައްޒަފުންނަށް ލިޔުން ދެމުންދާކަމަށް އޭނާ ބުނެއެވެ.

ވަޒީފާއިން ވަކިކުރަން ދީފައިވާ ލިޔުމުގައި ރިސޯޓުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، ރިސޯޓު ހިންގެން އޮތީ މުވައްޒަފުން މަދުކޮށްގެން ކަމަށް ބުނެފައިވެއެވެ. ނަމަވެސް މުވައްޒަފުން އެކަމާ ދެކޮޅު ހަދައެވެ.

ސަބަބަކީ މިއަހަރުގެ އޭޕްރީލް މަހާއި މެއި މަހުގެ އިތުރުން ޖޫން މަހު ވެސް ލިބުނު ފައިދާ ކުރީ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައިވާތީއެވެ.

މަނަފަރު ރިސޯޓު ހިންގަނީ ދުބާއީގެ ޖޭއައި ކުންފުނިންނެވެ. ރިސޯޓުން މުވައްޒަފުން ވަކިކުރަމުންދާ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވަނީ ރިސޯޓުގެ މެނޭޖްމަންޓްގެ އިތުރުން މުވައްޒަފުންގެ ފަރާތުން ކަނޑައެޅި ފަސް މީހަކާ ބައްދަލުކުރައްވައި ކަމާ ބެހޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.