ޝަހީދާ އަބްދުﷲ ސައީދު
އދ. މާމިނގިލީ އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ފުލައިޓަކަށް އަރައި، އަންހެނެއްގެ އަތުގައި އިން ކުޑަކުއްޖަކު އަތުލަން އުޅުނު މީހަކު ހުއްޓުވައި ފުލުހުންނާއި ހަވާލުކޮށްފިއެވެ.
އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ހެނދުނު 10:18 ގައި ފްލައިމީގެ ވީޕީ605 ގެ ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށް، އެއާސައިޑަށް ވަދެވޭގޮތަށް ހުންނަ ގޭޓުން އާންމުންގެ މީހަކު ދުވެފައިގޮސް ފްލައިޓަށް އަރައި، ބޯޓުގައި އިން އަންހެނެއްގެ އަތުން ކުޑަކުއްޖަކު އަތުލާފައިވާ ކަމަށެވެ.
އަދި އެހާދިސާ ހިނގި ވަގުތު ސެކިއުރިޓީ ޗެކް ޕޮއިންޓް ޑިއުޓީގައި އިން އޮފިސަރު އެމީހާ ހުއްޓުވަން މަސައްކަތް ކުރުމުން އޭނާ އެކަމަށް އިޖާބަނުދީ، އެމީހާ ދުވެފައި ގޮސް ފުލައިޓަށް އެރި ކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނީ އެމީހާ ފަހަތުން ސެކިއުރިޓީ އޮފިސަރު ދުވެފައި ގޮސް، އޭނާ ފުލައިޓުން ބާލައި ފުލުހުންނާއި ހަވާލުކުރި ކަމަށެވެ.
ވައިގެ ބަނދަރުތަކާ ބެހޭ ގޮތުން ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތައް ހެދިފައި ހުންނަނީ ވައިގެ ބަނދަރުތަކާއި އެތަންތަނުގެ ބޭނުން ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށްވާއިރު، އެފަރާތްތަކާއި އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، އެފަދަ އަމަލުތައް ނުހިންގުމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
''ވަންއޮންލައިން'' އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ މީހާރު ވަނީ ކޯޓުން ދޫކޮށްލާފައެވެ. އަދި ކުޑަކުއްޖާ އަތުލަން މަސައްކަތް ކުރީ ކުއްޖާގެ މަންމަގެ އުނގުގައި އިންދައެވެ.