މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީ އަރަބިއާ އިން ދިން 1000 ކޯޓާގެ ތެރެއިން 550 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ، އެ ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް މީހުން ގެންދަނީ އެ ކޯޕަރޭޝަނުގައި ރެޖިސްޓްރީވެ، ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ޖުމްލަ އަގުގެ 75 ޕަސެންޓު ދައްކާފައިވާ ފަރާތްތަކުގެ ތަރުތީބުން ކަމަށެވެ.
މިއަހަރު ހައްޖު ކޯޕަރޭޝަނަށް ދީފައިވާ 550 ކޯޓާގެ ތެރެއިން 80 ޖާގަ އިސްލާމިކް މިނިސްޓްރީއަށް ހާއްސަ ކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެކޯޕަރޭޝަނުން ބުނި ގޮތުގައި މިއަދާ ހަމައަށް 439 ފަރާތަކުން ހައްޖަށް ދިއުމުގެ ދައުވަތު ގަބޫލުކޮށްފައެވެ.
އަދި ބާކީ އޮތް 470 ޖާގައިގެ ތެރެއިން 31 ޖާގަ ހައްޖު ކޯޕަރޭޝަނުގެ ފަންނީ ބޭފުޅުންނަށާއި އެހީތެރިންނަށް ހާއްސަ ކުރުމަށް ފަހު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް 439 ޖާގަ ހާއްސަކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް 514 ފަރާތަކަށް ހައްޖަށް ދާން ފުރުސަތު ލިބުނުކަން އަންގާފައިވާ ކަމަށާއި އެކި ސަބަބުތަކަށްޓަކައި މި އަހަރު ހައްޖަށް ދެވެން ނެތްކަން 75 ފަރާތަކުން އަންގާފައިވާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަންއަށާއި އަމިއްލަ ފަސް ޖަމާއަތަކަށެވެ. އެއިން ކޮންމެ ޖަމާއަތަކަށް ދީފައި ވަނީ 90 ޖާގަ އެވެ.