ޚަބަރު

ފަނޑިޔާރުންގެ ޕެޓިޝަނާ މެދު ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރުންގެ ޖަމިއްޔާއާ މަޝްވަރާކުރަން ނިންމައިފި

އިބްރާހިމް ޒަކީ

ފަނޑިޔާރުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން، ހުށަހަޅާފައިވާ ޕެޓިޝަންގައިވާ ކަންތައްތަކާ މެދު ގޮތެއް ނިންމުމުގެކުރިން ފަނޑިޔާރުންގެ ޖަމިއްޔާއާ ބައްދަލުކޮށް، މަޝްވަރާކުރުމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ފަނޑިޔާރުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން، 170 ފަނޑިޔާރަކު ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަންގައިވާ ކަންތައްތަކާ ބެހޭގޮތުން ކޮމިޝަންގެ ކަމާބެހޭ ކޮމިޓީގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކަންކަމާ ގުޅޭގޮތުން އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ، ޕެޓިޝަންގައިވާ ކަންތައްތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރުންގެ ޖަމިއްޔާއާ ބައްދަލުކޮށް، މަޝްވަރާކުރުމަށް ނިންމީ މައްސަލަ ބަލާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.