އިބްރާހިމް ޒަކީ
އަވަށްޓެރިންނާއި، ރާއްޖެއަށް ހެޔޮއެދޭ ގައުމުތަކާ އެކު ގުޅުންތައް އުފައްދާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށް ކަމަށާއި އަދި ރާއްޖޭގެ އިގުތިސޯދީ ތަރައްގީއަށް ފައިދާ ލިބޭ ގޮތްތަކަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހިންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ އާއި ސިންގަޕޫރަކީ ވަރަށް ޒަމާންވީ ވަރަށް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ގައުމުކަމަށެވެ. އަދި ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތުގައި ސިންގަޕޫރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމުގައި ރަައީސް ވިދާޅުވިއެވެ. މި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ހާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގިނަ ގައުމުތަކާ އެކު ގާތް ގުޅުންތަކެއް އުފައްދަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގުޅުންތައް އަލުން އިއާދަކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ކުޑަވެސް ގެއްލުމެއް ލިބޭފަދަ ކަމެއް ސަރުކާރުން ނުކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގެ ޒިންމާދާރު ފަންނީ ވަޒީފާތަކުގައި ވެސް ދިވެހިން ތިބިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެބޭފުޅުންނަކީ ދިވެހިންގެ އިލްމީ ގާބިލްކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ނަމޫނާ ބައެއްކަމަށާއި، އެ ބޭފުޅުން އެ ވަޒީފާތަކުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ ރާއްޖެ ފަހުރުވެރިވާހާ ފުރިހަމައަށް ޒިންމާދާރުކަމާ އެކުގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ އެކު ގާތް ގުޅުމެއް އުފައްދަން، ދިވެހި އެމްބަސީން މިހާރު ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްބަސީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ފާހަގަކުރައްވައިފައެވެ.
"ދިވެހި އެމްބަސީ މެދުވެރިކޮށް ދޭ ހިދުމަތްތަކުގެ ތެރެއިން، އެމްބަސީއަށް ކޮންމެހެން ހާޒިރުވާންޖެހޭ ކަންކަން ފިޔަވައި، އެހެން ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ވެސް މިހާރު ވާނީ ހަމަޖެހިފަ. އެހެންކަމުން، ކުރިއަށް މިއޮތް ދުވަސްތަކުގައި، ދިވެހި އެމްބަސީއާއި މިގައުމުގައި އުޅުއްވާ ދިވެހިންނާ ދެމެދު ވަރަށް ރަނގަޅު ވަރަށް ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން." ރައީސް ސޯލިހު ވިދާޅުވި އެވެ.