މޯލްޑިވްސް އިސްލާމިކް ބޭންކް

ތިރީސް ފަސް ރުފިޔާ އަށް ހިއްސާއެއްގެ މަގުން، އިސްލާމިކް ބޭންކުން ހިއްސާވިއްކަން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ އާއްމުކޮށް ވިއްކަން މިއަދު ހުޅުވާލައިފިއެވެ.

އިސްލާމިކް ބޭންކުން ހިއްސާ ވިއްކަން ހުޅުވާލާފައި މިވަނީ، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްގެންނެވެ.

އިސްލާމިކް ބޭންކުން ހުޅުވާލާފައިވަނީ، 35 ރުފިޔާ އަށް ހިއްސާއެއްގެ މަގުން 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކުމަށެވެ. އެއީ ބޭންކުގެ ޖުމްލަ އާއްމު ހިއްސާގެ 6.9 މިލިއަންގެ ތެރެއިން 31 އިންސައްތަ ހިއްސާ އެވެ.

ހިއްސާވިއްކުން އިއުލާން ކުރުމަށްޓަކައި، މާގިރި ހޮޓަލުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އިސްލާމިކް ބޭންކުގެ ސީއީއޯ އަބުލް އިހުތިޝާމް އަބްދުލް މުހައިމިން ވިދާޅުވީ، ބޭންކުގެ ހިއްސާ ވިއްކަން އާއްމުކޮށް ހުޅުވާލެވުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް ކަަމަށެވެ.

ބޭންކުގެ ހިއްސާ ވިއްކުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 އިން ސެޕްޓެމްބަރު 31 އަށެވެ.

އެ ބޭންކުން 6،975،000 ހިއްސާ ވިއްކަން ހަމަޖެހިފައިވާއިރު، ގަންނަން ބޭނުންވާ މީހުންނަށް އެންމެ މަދުން ގަނެވޭނީ 20 ހިއްސާއެވެ. އެއަދަދަށް ހިއްސާ ގަތުމަށް ހޭދަވާނީ 700 ރުފިޔާއެވެ.

އިސްލާމިކް ބޭންކުން ބުނީ ގަންނައިރު ހިއްސާގެ އަދަދުވިއްސަށްވުރެ އިތުރު ކުރެވޭނީ ފަހަރަކު 10 ހިއްސާގެ މަގުން ކަމަށެވެ.

އަދި އެ ބޭންކުގެ ހިއްސާ ގަންނަ ފަރާތްތަކަށް ހިއްސާގެ ބާޒާރުގެ މިންގަނޑުން ރަނގަޅު ފައިދާއެއް ލިބޭނެ ކަމަށާއި، ގަންނަ ހިއްސާ އަކީ ރަނގަޅު ރައުސްމާލަކަށް ވާނެ ކަމަށް ވެސް ބޭންކުން ބުނެފައިވެއެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފަށާއިރު އާއްމުންނަށް މައުލޫމާތު ދިނުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.