ރ. ހުޅުދުއްފާރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް ބެހެއްޓުމަށް ކައުންސިލާ ހަވާލުކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގެ ތެރެއިން ވަނީ އެ ދެ އޭޓީއެމް ބެހެއްޓުމަށް އެ ރަށު ކައުންސިލާ ހަވާލުކޮށްފައެވެ.
ބީއެމްއެމްއެލް އަދި އެމްއައިބީގެ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް މުހައްމަދު އާތިފެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ޑިރެކްޓަރު އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ބަދުރުއްދީން ހަސަނެވެ. އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރިސް ކުމްރީއެވެ.
ހުޅުދުއްފާރުގައި އެމްއައިބީގެ އޭޓީއެމް ބެހެއްޓުމަށް ސޮއިކޮށްފައިވާއިރު، އެ އަތޮޅުގެ ވެރިރަށް، އުނގޫފާރުގައިވެސް ވަނީ އެ ބޭންކްގެ އޭޓީއެމްއަކާއި ސާވިސް ސެންޓަރެއް ގާއިމް ކުރަން ކައުންސިލާ ހަވާލުކޮށްފައެވެ.
އެމްއައިބީގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ތެރެއިން މި އަހަރު އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން 19 ރަށުގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓިއެމެއް ބަހައްޓާން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ރ. އުނގުފާރު، ށ. ފުނަދޫ، ކ. މާލެ އަދި ގއ. ވިލިނގިލީގައި ސާވިސް ސެންޓަރު ގާއިމްކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އިފްތިތާހުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގަ އެވެ. އެއީ ބީއެމްއެލްއިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި އޭޓީއެމް ބަހައްޓާނެ ކަމަށާއި އެ ފިޔަވަހި އަންނަ މާޗުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް އަދި ތިން ވަނަ ފިޔަވަހީގައި 30 އޭޓީއެމް ބަހައްޓާނެ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
ފުރަތަމަ ފިޔަވަހީގައި ބަހައްޓާ ހުރިހާ އޭޓީއެމްތައް ބީއެމްއެލްއިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމެވެ. އެއާއެކު ބީއެމްއެލްގެ އޭޓީއެމްގެ އަދަދު 250 އަށް އަރާނެއެވެ. އެއީ އަތޮޅުތެރޭގައި ގާއިމްކުރާ 100 އަށް ވުރެ ގިނަ އޭޓީއެމްއާއެކުގައެވެ.
ބީއެމްއެލްއިން ވަނީ އެ މަޝްރޫއުގެ ދެ ވަނަ ފިޔަވައްސަށް ބޭނުންވާ އޭޓީއެމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ޑިސެމްބަރު މަހު އިއުލާނުކޮށްފައެވެ.