ޚަބަރު

ބްރޯޑްކޮމްގެ މެންބަރުކަމުން ނަބާހު އިސްތިއުފާ ދެއްވައިފި

އިބްރާހިމް ޒަކީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުން ހަސަން ނަބާހު އިސްތިއުފާ ދެއްވައިފިއެވެ.

ނަބާހު އޭނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާފައިވަނީ މިއަދުއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުުގެ އޭޕްރީލްމަހުގެ ފަސްވަނަ ދުވަހު ބްރޯޑްކޮމްއަށް އައްޔަންކުރި ނަބާހު އިސްތިއުފާދިން ސަބަބައެއް އޭނާ ހާމަކޮށްފައެއްނުވެއެވެ.

މިއަދު ނަބާހު އިސްތިއުފާ ދެއްވާފައި ވާ އިރު، ބްރޯޑް ކޮމްގެ ކުރީގެ ނައިބުރައީސް އިސްމާއިލް ސޮފްވާން ވެސް މިދިޔަ ހަފްތާގައި ވަނީ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

ސޮފްވާން އިސްތިއުފާ ދެއްވީ ގިނަ ދުވަސްތަކެއްވަންދެން އޮފީހަށް ނުނިކުންނަވައި، މަސްއޫލިއްޔަތު އަދާ ނުކުރައްވައި ބަރާބަރަށް މުސާރަ ނަންގަވަމުން ގެންދަވާ މައްސަލައިގައި، އޭނާ މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި އެ މައްސަަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނިކޮށެވެ.

ސޮފްވާންގެ އިތުރުން ބްރޯޑް ކޮމްގެ ދެން ތިއްބެވި މެންބަރުން ވަކިި ކުރުމާބެހޭގޮތުންވެސް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ވަނީ މަޝްވަރާ ކޮށްފައެވެ. ނަމަވެސް އެބޭފުޅުން ވަކި ކުުމުގެ ކުރިން ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު އެކަންތައްތައް ބެލުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީިން ސަބް ކޮމިޓީއެއް އުފައްދައި އެ ކޮމިޓީއާވަނީ އެ މަސައްކަތް ހަވާލު ކޮށްފައެވެ،