އިބްރާހިމް ޒަކީ
ލ.ލިންކް ރޯޑްގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް، 7:50 ހާއިރު މި އެކްސިޑެންޓް ހިނގީ ލ. ފުނަދޫ އިން ލ. ކައްދޫއަށް ދިޔަ މަގުމަތީގައި ކޯޒްވޭގައި މަޑުކޮށްފައި ހުރި ސައިކަލެއްގެ ފަހަތުން ދުއްވާފައި އައި ސައިކަލެއް ޖެހިގެން ކަމަށެވެ.
މަޑުކޮށްފައި ހުރި ސައިކަލުގައި 62 އަހަރުގެ ފިރިހެނަކާއި، 58 އަހަރުގެ ފިރިހެނަކު އިންއިރު، މި ދެމީހުންނަށްވެސް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި، އަދި ފަހަތުން އައިސް ޖެއްސި ސައިކަލު ދުއްވަން އިން 57 އަހަރުގެ ފިރިހެންމީހާއަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ތިން މީހުންނަށް މިހާރު ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. މި ދެ ސައިކަލް ދުއްވި ދެމިހުންނަކީވެސް ލައިސަންސް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހަކު "ވަންއޮންލައިން"އަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ހިނގީ، ލިންކުރޯޑުން ދުއްވާފައި ދިޔަ ކާރެއް ފުރާޅި ހާދިސާ ތަހުގީގުކުރަން ފުލުހުން އެ ސަރައްދު ބަންދުކޮށްފައިވަނިކޮށް އެތަން ބަލަން ސައިކަލްގައި މަޑުކޮށްގެން ތިބި ބައެއްގެ ސައިކަލުގައި ފަހަތުން އަދި ސައިކަލެއް ޖައްސައިގެން ކަމަށެވެ.