ޚަބަރު

މަންތާ އެއާގެ ދަތުރުތައް ޑިސެމްބަރު މަހު ފަށަނީ

އަހުމަދު ޖައިޝަން

ރާއްޖޭގައި އަލަށް ހިދުމަތް ފަށާ ޑޮމެސްޓިކް އެއާލައިން ކަމަށްވާ މަންތާ އެއާގެ ދަތުރުތައް އަންނަ ޑިސެމްބަރު މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މަންތާ އެއާގެ މާކެޓިން އެންޑް ޕީއާރު މެނޭޖާ އަހުމަދު ޔާމީން މުހައްމަދު ސޮއިކުރައްވައި ނެރެފައިވާ ބަޔާނެއްގައި ވަނީ، އެ އެއާލައިންގެ ދަތުރުތައް ޑިސެމްބަރު މަހު ފަށާއިރު ދަތުރުތަކުގައި ބޭނުންކުރާނީ އޭޓީއާރު ބްރޭންޑުގެ އެންމެ ފަހުގެ ޖެނެރޭޝަން ފްލައިޓު ކަމަށްވާ "އޭޓީއާރު 72-600ގެ ފްލައިޓުތައް ކަމަށެވެ.

އެގޮތުން މަންތާގެ ފްލީޓުގެ ފްލައިޓު އެންމެ ފުރަތަމަ ރާއްޖެ ޖެއްސުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12ގައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ފްލީޓުގެ ދެވަނަ ފްލައިޓް ސެޓު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަންތާ އެއާގެ ދަތުރުތައް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ތިން ޑެސްޓިނޭޝަން އަކަށެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށްޓަށެވެ.