ދިވެހީން އާންމުކޮށް ނުބާނާވަރުގެ ބޮޑު ރަތް މަހެއް ބާނައިފި އެވެ.
ދިވެހި މަސްވެރީންގެ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އެ ރަތް މަސް ބާނާފައި ވަނީ ގެމަނަފުށީން ފަރުމަހަށް ދިޔަ އަހުމަދު މަނިކު (އަމޯ) އެވެ. އޭނާ ބޭނި މާރަތްމަހުގައި 30 ކިލޯ ހުރި ކަމަށް ދިވެހި މަސްވެރީންގެ ގުރޫޕުން ވަނީ ބުނެފަ އެވެ.
ދިވެހި މަސްވެރިކަމާ ބެހޭ ތަޖުރިބާރާކާރު، އަދި އެންމެ ގިނަ މަހަށް ދިވެހި ނަން ދީފައިވާ، އަހުމަދު ހާފިޒު މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ މި މަހަކީ ރަތް މަހުގެ އާއިލާގެ މަހެއް ކަމަށާއި މި ސައިޒުގެ ބޮޑު މަހެއް ބޭނިކަން މީގެ ކުރީން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"މީގެ އަސްލު ނަމަކީ "ޑީޕް ސްނެޕާ، ނުވަތަ ޖަޔަންޓް ޑީޕް ސްނެޕާ" މި ސައިޒުގެ މަސް އާންމުކޮށް އުޅޭނީ 92 މީޓަރާއި 300 މީޓަރާ ދެމެދުގެ ފުންމިނުގައި. ދެން ފަރުމަހަށް ގޮސް އުޅޭ ބަޔަކަށް ވެސް އޮޔާއި ވައި ހުންނަ ގޮތަކުން ނަނު ވަރަށް ފުނަސް ގޮސްފާނެ، ނުވަތަ މަހެއް އަދި އެޔަށް ވުރެ ތިލައިން ވެސް ބޭނިދާނެ." ހާފިޒް ވިދާޅުވި އެވެ.
މީސްމީޑިއާގެ ބައެއް ގުރޫޕުތަކުގައި، ފާހަގަކޮށްފައި ވަނީ އެއީ "ޖަޔަންޓް ރޫބީ ސްނެޕާ"އެއް ކަމަށެވެ.
ނަމަވެސް ހާފިޒް ވިދާޅުވީ، ރޫބީ އެއީ ގިއުޅު އާއިލާ ކަމަށާއި މި މަހާއި ގިއުޅާއި ގުޅުމެއް ނެތް ކަމަށެވެ. އަދި ގިއުޅުގެ ހުރިހާ ވައްތަރެއްގައި ވެސް ހަށިގަނޑު ފަހަތަށް އޮންނަ ގޮތް ރަތްމަހާ އަޅައި ބަލާ އިރު ވަރަށް ތަފާތު ވާނެ ކަމަށާއި، މީ "ޑީޕް ރެޑް ސްނެޕާ" ނުވަތަ ވަރަށް އަޑީން ގަންނަ ރަތް މަހުގެ ބާވަތެއް ކަމަށެވެ.
"މިހާ ބޮޑެތި މަހަށް ކިޔާނެ ވަކި ނަމެއް އަދި ނެތް. އެކަމަކު މިއީ ރަތްމަހުގެ އާއިލާ. މާރަތްމަސް ކަހަލަ ނަމެއް ކިޔިދާނެ." ހާފިޒު ވިދާޅުވި އެވެ.