މަގުމަތީގެ އެކްސިޑެންޓް

ލ. ލިންކުރޯޑުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ފުރޮޅާލައިފި

އިބްރާހިމް ޒަކީ

ލ. ލިންކުރޯޑުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ފުރޮޅާލައިފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 6:25 ހާއިދު ލ. ކައްދޫން ފޮނަދުއަށް އުތުރުން ދެކުނަށް ދުއްވާފައިދިޔަ ކާރެއް، ކޯޒްވޭގެ އިރުމަތީ ފަރާތުގައި ޖަހާފައިހުރި ބްލޮކްތަކުގައިޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި އެކްސިޑެންތް ހިނގިއިރު ކާރުދުއްވަންއިނީ 25 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާގެ އަތުގައި ލައިސަންސް އޮތްކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގިއިރު ކާރުގައި ދެ މީހުން ތިބި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ. ނަމަވެސް ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިހާދިސާގައި ލިންކު ރޯޑްގެ ފަސް ބްލޮކް މޫދަށް ވެއްޓިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގިތަން ފެނުނު އެ ސަރަހައްދުގައި ހުރި މީހަކު "ވަންއޮންލައިން"އަށް މައުލޫމާތު ދެމުން ބުނީ، އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހުނަށްވެސް އަނިޔާ ނުވީ ކާރުގެ އެއާބޭގް ހުޅުވުމުގެ ސަބަބުން ކަމަށެވެ.

"އެކްސިޑެންޓްގައި ކިއުބް ގާތަކުގައި ޖެހިފައި ކާރު ދިޔައީ ފުރޮޅިގެން ނަމަވެސް އޭގައިތިބި އެއްވެސް މީހަކަށް އަނިޔާއެއްނުވޭ، އެއީ ކާރުގެ އެއާބޭގް ހުޅުވުމުން. އެމީހުންވެސްބުނި އެހެން. އަދި އެމީހުން ތިބީވެސް ފުރޮޅާލާފައިއޮތް ކާރު ކައިރީގަ،" މަންޒަރުދުއްމީހާ ބުންޏެވެ.