ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނީ، މިއީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއާ ގުޅިގެން ކުރަންފެށީ މަސައްކަތެއް ކަމަށެވެ.
މިއީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ "ގްލޯބަލް ޓްރެވަލްސް އެސެސްމަންޓް ސިސްޓަމް" (ޖީޓާސް) ޕްރޮގްރާމްގެ ދަށުން، އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) ގެ ހާއްސަ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި މި ނިޒާމް ރާއްޖޭގައި ގާއިމްކުރަން ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ތަޖުރިބާކާރުންގެ ޓީމެއް މި މަހުގެ 17 އިން 25 އަށް ރާއްޖެ އައެވެ. އަދި އެޓީމުން ރާއްޖޭގައި ޖީޓާސް ގާއިމްކޮށް، އެ ނިޒާމް ބޭނުންކުރާނެ ގޮތުގެ ތަމްރީން ތަކެއް ކަސްޓަމްގެ އިތުރުން ފުލުހާއި އިމިގްރޭޝަނާއި އެމްއެންޑީއެފްއަށް ވަނީ ދީފައެވެ.
ކަސްޓަމްސްއިން ބުނީ، މި ނިޒާމް ގާއިމްކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާތީ، ބައެއް އެއާލައިންތަކުން ފަސިންޖަރުންގެ މަޢުލޫމާތު ދުރާލައި މިހާރު ހިއްސާ ކުރަމުންގެންދާ ކަމަަށެވެ. އަދި މި މަސައްކަތް 2020 ވަނައަހަރު މުޅީން ނިމޭނެ ކަމަށާއި، އޭރުން ރާއްޖެ އަންނަ އަދި ފުރާ ހުރިހާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލިބޭނެކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން ބުނީ މި ނިޒާމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފަސިންޖަރުންގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ނިޒާމް ހަރުދަނާވެގެންދާނެ ކަމަށެވެ. އަަދި ހައި ރިސްކް ފަސިންޖަރުން ދުރާލާ ދެނެގަނެ، އެ ފަރާތްތަކަށް ސަމާލުކަމެއް ދީގެން ބަލައި ފާސްކުރުމުގެ ކަންތައްތައް ކުރިއަށްގެން ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.