ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ސާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށް ވަޑައިގެންނެވުމުން އެއާޕޯޓުގެ ވީއައިޕީ ކޮންޕްލެކްސްއިން މަރުޙަބާ ވިދާޅުވީ ސިންގަޕޫރުގެ ސީނިއަރ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް ހިޒްއެކްސެލެންސީ މާލިކީ އޮސްމާން އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ހަރ އެކްސެލަންސީ ޙަލީމާ ޔަޢުޤޫބާއި ބޮޑުވަޒީރު ލީ ސިއެން ލޫންގއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުގައިވާ ސިމާކޯ ލޭންޑްފިލް އަށް ޒިޔާރަތްކުރެއްވުމާއި ސިންގަޕޫރުގެ އައިއެސްޑީ ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި ޒިޔާރަތުގައި އެ ދެ ދާއިރާއިން ސިންގަޕޫރުން ހޯދާފައިވާ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.