ޚަބަރު

ޝައިމް ގެއްލުނު މައްސަލައިގަ ޖެންޑާ މިނިސްޓަރު ހާޒިރުކުރާ، ހިއުމަންރައިޓްސް ކޮމިޓީގެ ބައްދަލުވުން ސިއްރު

އިބްރާހިމް ޒަކީ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދަމުން އަންނަ 14 އަހަރުގެ ޝައިމް އަބްދުﷲގެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްގެން ކުރިއަށްގެންދާ ބައްދަވުން ސިއްރު ކޮށްފިއެވެ.

މި ބައްދަލުވުން މީގެ ކުޑައިރުކޮޅެއްކުރިން ސިއްރުކުރަން ފާސްކުރީ އެ ބައްދަލުވުން ސިއްރުކުރަން ފެނޭތޯ ބެލުމަށް، ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މި ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ ޖެންޑާ މިނިސްޓަރު މިރޭ ކޮމިޓީއަށް ހާޒިރު ކުރަނީ، އެ މައްސަލައިގަ ކޮމިޓީން އިތުރަށް ހޯދަންޖެހޭ މައުލޫމާތުތަކެއް ހުރިކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އަދި ޝައިމް އަބުދުﷲ ނުފެނި 12 ދުވަސް ވެފައިވާތީވެ މިކަމާ ގުޅިގެން މިނިސްޓަރާ ބައްދަލު ކުރުމުގެކުރިން ކޮމިޓީގެ ބައްދަލުވުމެއް ބޭއްވީ އެ ބައްދަލުވުމަށްވުރެކުރިން ނިންމަންޖެހޭކަމެއް އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޓީއަށް މިނިސްޓަރު ހާޒިރުކުރާ ބައްދަލުވުން ސިއްރު ކުރުމާބެހޭގޮތުން ގޮތެއްނިންމުމަށް ހުށަހަޅުއްވަމުން މުގައްރިރު ވިދާޅުވީ، ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައެއްގައި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ނިންމިނަމަވެސް، އެކުދިންގެ ކަރާމާތާއި މުސްތަގުބަލާއި، އަދި އެކުދިންނަށް ގެއްލުންނުވާނެ ގޮތަކަށް އެކަމެއް ކުރުމަކީ، ދައުލަތުގެ ކޮންމެ އިދާރާއެއްގެވެސް ވަރަށްބޮޑު ޒިންމާއެއް، އަދި އަހައްމިއްޔަތުކަންދޭންޖެހޭ ކަމެއް ކަމަށެވެ.

އަދި މި މައްސަލަައަކީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކާ ގުޅުންހުރި މައްސަލައަކަށްވެފައި، ކޮމިޓީން މިރޭ ކުރަންހުރި މަސައްކަތުގައި، ކުރަންހުރި ސުވާލުތަކުގައި ކުޑަކުއްޖާއާ ގުޅުންހުރި ވަރަށްގިނަ ޒާތީ މައުލޫމާތާއި، މިހާދިސާ ހިނގާދިޔައިރު، މިކަމުގެ ފަހަތުގައިވާ ކަންކަމާއި އެހެނިހެން މައުލުމާތުތަކަކީ ކުއްޖާގެ ކަރާމާތާއި މުސްތަގުބަލަށް އަދި އެކުއްޖާގެ ޒާތީ ދިރިއުޅުން ރައްކާތެރި ކުރުމަށްޓަކައި ސިއްރުކުރަންޖެހޭ މައުލުމާތު ތަކެއްކަަމަށްވެސް ވިދާޅުވިއެވ.

"މީގެ ތެރެއިން ބައެއް ކަންކަމަކީ އާއްމުކޮށް ހުޅުވާލައިގެން ވާހަކަ ދެކެވޭނެ ކަންކަމެއްނޫން. އަދި ކުޑަކުއްޖެއްގެ މައުލޫމާތު މިގޮތަށް މައްސަލައެއްގެ ތެރެއިން ހާމަކޮށްގެން ކުރިއަށްގެންދިއުމަކީ ކުރެވޭނެކަމެއްނޫންކަމަށްވާތީ އާއި، ހާއްސަ ގޮތެއްގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާބެހޭ ގާނޫނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގުވާމީ ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާ (ސީއާރުސީ)ގައި ކަނޑައެޅިގެން ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމުގައި ކަނޑައަޅާފައިވާތީ މިނިސްޓަރާއެކު ކުރިއަށްގެންދާ ބައްދަލުވުމާއި، ދެން ކުރިއަށްގެންދާ މަޝްވަރާތައް ސިއްރުކުރުމަށް ހުށަހަޅަން،" މުގައްރިރު ވިދާޅުވިއެވެ.

ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން ހަ މެންބަރުން މި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ކޮމިޓީ ސިއްރުކުރަން ފާސްކުރީ ހަ މެންބަރުންގެ އިއްތިފާގުންނެވެ.