ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، ލ. އަތޮޅުގައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި ދިމާވާ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު އަމީން އާއެކު ލ. އަތޮޅުގެ ބައެއް މަޖިލީސް މެމްބަރުން ބައިވެރިވެލެއްވި އެވެ. އޭގެ ތެރޭގައި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދުގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ހިމެނިވަޑައިގަންނަވައެވެ.
މިނިސްޓަރު އަމީން ވަނީ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހޮސްޕިޓަލުތަކާއި, ހެލްތް ސެންޓަރުތަކުގައި ހުރި މައްސަލަތައް ބައްލަވާލައްވާ އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވައިފައެވެ.
މި ދަތުރުފުޅުގައި ބަލިމީހުންނަށް ހޮސްޕިޓަލްތަކަށް ދަތުރު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ، ހެލްތު ސެންޓަރުތަކަށް ޑޮކްޓަރުން ފޮނުވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމާމެދުވެސް މަޝްވަރާ ކުރިއެވެ.