ޚަބަރު

ގެއްލުނު ޝައިމް އަބްދުﷲގެ މައްސަލައާ ގުޅޭ އެޗްއާރުސީއެމްގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލިގެން ހޯދަމުން އަންނަ 14 އަހަރުގެ ޝައިމް އަބްދުﷲގެ މައްސަލައާ ގުޅިގެން ހިއުމަންރައިޓް ކޮމިޝަން (އެޗްއާރުސީއެމް)ގެ ފަރާތުން ތައްޔާރު ކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެޗްއާރުސީއެމުން މިއަދު ބުނީ، ވިލިމާލޭ ކުޑަކުދިންގެ ހިޔަލުގައި ހުއްޓާ މިމަހުގެ 18 ގައި ޝައިމް އަބްދުﷲ ގެއްލުނު މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަނީ، ހައްސާސީ މައްސަލައެއްގެ ގޮތުގައި އެ ކޮމިޝަނުން އިސް ނަގައިގެން ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ އެ ރިޕޯޓްގައި ޝައިމް ގެއްލުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް، ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބުނާކޮށް ތައްޔާރު ކޮށްފައިވާ އަވަސް ރިޕޯޓެއް ކަމަށެވެ. އަދި އެ ރިޕޯޓް މަޖިލީހާ ހިއްސާކޮށްފައި ވަނީ މިއަދު ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެ ރިޕޯޓްގައި ފާހަގަ ކޯށްފައިވަނީ ކޮން ކަންތައްތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.

ޝައިމް އަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ވެސް މިރޭ ވަނީ ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޝިދާތާ ހާޒިރު ކުރުމަށް ހަމަޖެހިަފއިވަނީ މިރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ ބައްދަލުވުމަށް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މިނިސްޓަރު ޝިދާތާ ވަނީ، ޝައިމްގެ މައްސަލަތައް އެންމެ ކުރީއްސުރެ ފެށިގެން މި މަހުގެ 18 ވަނަ ދުވަހު އޭނާ ގެއްލުމާއި ހަމަޔަށް މީޑިއާއަށް ހިއްސާކޮށްފަ އެވެ.

އެ ގޮތުން އެންމެ ފުރަތަމަ ޝައިމްގެ މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ މީގެ ނުވަ ވަރަކަށް އަހަރު ކުރީން ކަމާއި އޭގެ ފަހުން އެކި ފަހަރު މަތީން އޭނާގެ ރިޕޯޓުތައް ލިބިގެން ގޮސްފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.