ސިއްރު ފެންފުށި ރިސޯޓުގައި ބެހެއްޓި ބުދުތައް ފަސް ގަޑިއިރު ތެރޭގައި ނަގާފައިނުވާތީ ސަލާމަތީ ބާރުތަކުން އެތަކެތި ނަގަން ނިންމައިފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރާ އެއްގޮތަށް ފަސް ގަޑިއިރުގެ ތެރޭގައި ސިއްރު ފެންފުށި ރިސޯޓުން ބުދުތައް ނަގާފައިނުވާތީ ދިވެހި ސިފައިންނާއި ގުޅިގެން އެ ބުދުތައް ނެގުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި ކޯޓުގެ އަމުރާ އެއްގޮތަށް ހަތް ދުވަހުގެ ތެރޭގައި އެތަކެތި ނަގައި ނައްތާލާނެ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވާ މިއަދު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ސިއްރު ފެންފުށި ރިސޯޓުގައި ބަހައްޓާފައިވާ ކޮރެލިއަމަކީ އިސްލާމް ދީނުގެ ވަހުދަތާއި ދިވެހި ދައުލަތުގެ ސުލްހަ މަސްލަހަތާއި ނިޒާމު އާންމާ ހިލާފުވާ ގޮތަށް ހަދާފައިވާ ތަނެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި އިސްލާމް ދީނުގެ ފަސް މަގުސަދު ހިމާޔަތް ކުރުމުގެ އަސާސްތަކުގެ މައްޗަށް ބަލާ އިރު، އެފަދަ ކަމަކަށް ހުއްދަކުރެވެން ނޯންނާނެ ކަމަށްވެސް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.
އޭގެ އިތުރުންވެސް މިއަދު މެންދުރު 13:30 އިން ފެށިގެން ފަސް ގަޑިއިރުގެ ތެރޭގައި ބުދުތައް ނެގުމަށް ދައުވާ ލިބޭ ޖީބީއެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކުރާ ކަމަށާއި، އެ އަމުރު ކުރެވުނު ވަގުތުގެ ތެރޭގައި އެތަކެތި ދައުވާ ލިބޭ ފަރާތުން ނަގާފައިނުވާނަމަ، ވަގުތު ހަމަވާ ވަގުތުން ފެށިގެން އެ ތަކެތި ނަގަންފަށައި، ހަތް ދުވަހުގެ ތެރޭގައި އެތަކެތި ނަގައި ނިންމުމަށާއި ދައުލަތުން ކަނޑައަޅާ ގޮތެއްގެ މަތީން އެތަކެތި ނައްތާލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މައްޗަށް އަންގާ އަމުރު ކުރާ ކަމަށްވެސް އަލީ އަބްދުﷲ ނެރުއްވި އަމުރުގައިވެއެވެ.