ހަތަރުވަނަ ވެކޭޝަންސް އެކްސްޕޯ އަންނަ ޖުލައި މަހުގެ 2 އިން 4 ގެ ނިޔަލަށް ދަރުބާރުގޭގައި އޮންނާނެއެވެ.
ތިންދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި އެކްސްޕޯ ހުޅުވިފައިހުންނާނީ ޖުލައި މަހުގެ 2 އިން 4 އަށް މެންދުރުފަހު 14:00އިން 18:00އަށެވެ. އަދި ރޭގަނޑު 20:00އިން 23:00 އަށެވެ.
ހަތަރު ވަނަ ވެކޭޝަންސް އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް އޭސް އޭވިއޭޝަން، އޭސް ޓްރެވަލްސް އަދި އިނަ މޯލްޑިވްސް ހަމަޖައްސައިފައި ވާއިރު ވޭތުވެދިޔަ ތިންއަހަރުވެސް ޕްލެޓިނަމް ޕާޓްނަރަކީ އިނަ މޯލްޑިވްސްކަން ފާހަގަ ކޮށްލެެވެއެވެ.
ވެކޭޝަންސް އެކްސްޕޯ އަކީ ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލް ޓްރެވަލް ފެއަރ އެވެ.
މި އެކްސްޕޯގައި ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ ދިވެހިންނާއި ބިދޭސީންނަށް ވަރަށް ފުރިހަމަ ފުރުސަތުތަކެއް ލިބިގެންދެއެވެ.
މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއަރ އެވެ.
ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ މި އެކްސްޕޯއަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ވެސް ޒިޔާރަތްކުރެއެވެ. މީގެ އިރުތުން އެކި ދާއިރާތަކުގެ އިސްފަރާތްތަކާއި ވިޔަފާރިވެރިން ވެސް މިފެއަރ އަށް ޒިޔާރަތް ކުރާކަން ފާހަގަ ކޮށްލެވެއެވެ.
މިއަހަރުގެ އެކްސްޕޯގައި އެއާލައިންތަކާއި ޓުއަރިޒަމް ދާއިރާގެ އެކިފަރާތްތަކުން ބައިވެރިވާނެ އެވެ. ހާއްސަގޮތެއްގައި ބޭރުގައުމުތަކުގެ ޓުއަރިޒަމް ބްރޭންޑް ތަކުންވެސް ބައިވެރިވާނެއެވެ. ވެކޭޝަންސް އެކްސްޕޯގައި މި މިއަހަރު ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ސިންގަޕޫރު، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ ޓުއަރިޒަމް ދާއިރާތަކުން ބައިވެރިވާނެއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ހުށަހެޅިފައި ވެއެވެ. އެގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް އުމްރާ ދަތުރު ލިބޭކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެއާލައިން ޓިކެޓާއި ރިޒޯޓް ދަތުރުތަކާއި ގެސްޓް ހައުސްތަކުގެ ސްޓޭ އަދި އެހެނިހެން ތަފާތު އަގުހުރި އިނާމުތައް ލިބިގެންދާނެއެވެ.
މިދިޔަ އަހަރު ނެޝަނަލް އާޓްގެލެރީގައި ބޭއްވި ވެކޭޝަންސް އެކްސްޕޯއަށް 4000 އަށް ވުރެން ގިނަމީހުން ޒިޔާރަތް ކޮށްފައިވެއެވެ.
"ވެކޭޝަންސް އެކްސްޕޯ 2019" އިންތިޒާމް ކުރަނީ ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމެންޓް ކުންފުނި، ހައިރައިޒް މޯލްޑިވްސް އެވެ.