ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހަމަދު ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ހާއްސަ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

މި ދަތުރުފުޅުގެ މަގުސަދަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު ހާއްސަ ގޮތެއްގައި ސަލާމަތީ ދާއިރާ އާއި ވިޔަފާރި، ސިއްހީ، އަދި ތައުލީމީ ދާއިރާ ފަދަ ދާއިރާތަކުން ދެގައުމުގެ މެދުގައި މިހާރު ގާއިމްކޮށްފައިވާ ގުޅުން ވަރުގަދަ ކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި މިހާރު ދެގައުމުގެ ގުޅުން އޮތް ދާއިރާތަކާއި އިތުރަށް ގުޅުން ބަދަހިކޮށް ފުޅާކުރެވިދާނެ ދާއިރާތަކާއި ގޮތްތަކާއިމެދު މަޝްވަރާ ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ދެއްވާ ޖާފަތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ރައީސް ސޯލިހު ބައްދަލުކޮށްލައްވަން ވަނީ ހަމަޖެހިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރައްޔިތުންގެ ޝުއޫރުތަކާއި އެބޭފުޅުންނަށް ސިންގަޕޫރުގައި ދިމާވާ ގޮންޖެހުންތައް ހިއްސާކުރެއްވުމަށް ފުރުސަތު ހުޅުވައިލާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ މި ދަތުރުފުޅުގައި، އައި.އެސް.ޑީ ކައުންޓަރ- ޓެރަރިޒަމް ސެންޓަރ އަދި ސިންގަޕޫރުގެ ނެޝަނަލް އެންވަޔަރަންމަންޓް އެޖެންސީގެ ބެލުމުގެ ދަށުން ހިންގާ ޕަލައު ސިމަކު ލޭންޑްފިލް، އަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.