އިބްރާހިމް ޒަކީ
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަަތައް ދިރާސާ ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ޓީމުން ކ.ތުލުސްދީގައި މަސައްކަތް ފަށައިފިއެވެ.
ޖޭއެސްސީގެ ޑިރެކްޓަރ، އަދި މީޑިއާ އޮފިޝަލް ހަސަން ޒަހީނު "ވަން އޮންލައިން" އަަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ މައްސަަލަ ތަހުގީގު ކުރަން ޖޭއެސްސީގެ ޓީމު މިއަދު ހެނދުނު ތުލުސްދުއަށް ގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގެ ހެކިން ތިބީ އެހިސާބުގައި ކަމުން، އެހުރިހާ އެންމެން ޖޭއެސްސީއަށް ހާޒިރުކޮށް އެކަން ކުރުމަށްވުރެ، ޖޭއެސްސީން އެރަށަށްގޮސް މައްސަލަ ތަހުގީގު ކުރުން ފަސޭހަވާނެތީ ކޮމިޝަނުން އެގޮތަށް ކަންތައްކުރަން ނިންމީ ކަމަށެވެ.
މިދިޔަ ބުދަދުވަހު ޒަހީން ވިދާޅުވީ، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދާ ބެހޭގޮތުން 8 ޝަކުވާއެއް ޖޭއެސްސީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ޝަކުވާތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ޒަހީން ވިދާޅުވީ، ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްއާ ބެހޭގޮތުން ވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ބަލަމުންދާކަަމަށެވެ.